ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުޅުވާލައިގެން ބާއްވާ "މިސްޓަ ޕޮލިސް 2024: މެންސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް" އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފި އެވެ.
މިއީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، ދިވެހި ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބ ބައެއްގެ ގޮތުގައި ދެމެހެއްޓުމުގެ އިތުރުން ފިޓްނަސް އަށް އަހުލުވެރި ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.
"މިސްޓަ ޕޮލިސް" މުބާރާތުގައި ބައިވެރިވާން ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ހުރިހާ ފިރިހެން މުވައްޒަފުންނަށް ބައިވެރިވުމުގެ މިހާރު އޮތީ ހުޅުވާލައިފަ އެވެ.
ހަތަރު ކެޓަގަރީއަކަށް ބާއްވާ މުބާރާތް އޮންނާނީ އޮކްޓޯބަރު 18 ގަ އެވެ.
މި މުބާރާތުގެ ކެޓަގަރީތައް:
* މެންސް ސްޕޯޓް ފިޒީކް CM 170 TO UP
* މެންސް ސްޕޯޓް ފިޒީކް CM 175 TO UP
* މެންސް ސްޕޯޓް ފިޒީކް CM 180 TO UP
* މެންސް ސްޕޯޓް ފިޒީކް CM 180 OVER
މި ހަތަރު ކެޓަގަރީން ވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނައިގެ އިތުރުން މުޅި މުބާރާތުގެ އޯވަރޯލް ވިނާ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ކާމިޔާބުކުރާ މުވައްޒަފަށް މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ އެލިއާ އިން އެންމެކްސް 155 ގެ ސައިކަލެއް ހުށަހަޅާފައިވެ އެވެ.
މުބާރާތުގައި ފަޑިޔާރުކަން ކުރާ ގޮތަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ބޮޑީ ބިލްޑިން އެސޯސިއޭޝަން (ޑަބްލިއުބީޕީއެފްއޭ) އާއި އޭބީބީއެފްއޭގެ ސެޓިފައިޑް ފަޑިޔާރުންނެވެ.
"މިސްޓަ ޕޮލިސް" ގެ ޓައިޓްލް ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓެވެ. ކޯ-ސްޕިންސަރުރުންގެ ތެރޭގައި ހިމެނެނީ އެމްއެޗްއޭ، އޮބިއޮން އަދި އޮފިޝަލް އިވެންޓްސް އެވެ.