ދައުލަތުގެ ރިޒާވްގެ ހާލަތު މި މަހު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ ބާޒާރު މެނޭޖުކުރުމަށް މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ.
އެމްއެމްއޭއިން މިރޭ މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއެކު 2019 ވަނަ އަހަރުވި އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރި އިރު، މި އަހަރުގެ ޖުލައި މަހު ޖުމުލަ ބޭނުންކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށާއި އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރި އަދަދުގައި އެސްޑީއެފްގައި ހުރި އަދަދު ނުހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.
"އެސްޑީއެފަށް ޖަމާކުރެވޭ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރުވެގެން ދާނެ އެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ވަނީ ރާއްޖޭގެ ޓޫރިޒަމާއި ގުޅިފައިވާ އިންޑަސްޓްރީތަކުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިން ލަފާކުރި ގޮތާ ހިލާފަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަންދާޒާ ކުރާތީ އޭގެ ހެޔޮ ބަދަލު ރިޒާވަށް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިނޭންސިން ބޭރުގެ އެކިއެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.