އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ޔާމީން އިސްވެ ހުންނަވައި ފެށި ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާއެކު އެ ހަރާކަތް މަޑުޖެހުނެވެ. އެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ބުނެ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިބެ ދިޔައީ ގަރާރު ބާތިލުކުރަން ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން އެ ގަރާރު ބާތިލުކޮށްފައެއް ނުވެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ކުރީ ސަރުކާރުން އިންޑިއާއާއެކު ހެދި އަސްކަރީ އެއްބަސްވުންތަކުގެ މައްސަލަ ބަލަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަކާލާތު ކުރިތަން ފެނުނު ކަމަށާއި ނަމަވެސް އެކަން މިހާރު އޮތީ ހިފެހެއްޓިފައި ކަމަށެވެ. އަދި އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ހިންގަން އެއްގޮތަކަށް ވެސް ޖާގަ ނުދޭނެ ކަމުގެ އަޑުތައް އިވެމުންދާ ކަމަށާއި ނަމަވެސް އެކަން ކުރިއަށްދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަން ހިނގާނެ ދިވެހިރާއްޖޭގައި. އެއީ ހުއްޓިފައި އޮތް ކަމެއް ނޫން. ހައްޔަރުކުރަންޏާ ހައްޔަރު ކުރަންވީ، އެކަން ކުރެވިދާނެ. އެކަމަކު އެއީ ރައްޔިތުންނަށް ލިބިފައިވާ އޮތް އަސާސީ ހައްގެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރައްޔިތުން ހިތްހަމަނުޖެހޭ ބޮޑެތި މައްސަލަތައް ހުރިނަމަ ރައްޔިތުން އަޑު އުފުލާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން މުއައްސަސާތަަކަށް ބިރުދައްކާ ކަމަށް ތުހުމަތުކޮށް ޔާމީން ވަނީ ރާއްޖޭގައި މުއައްސަސާތަކެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.