ލޭނު މަސްވެރިކަން ކުރަން ހުއްދަދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މިކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރްއެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮލަށް 47 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މައުރޫފް ޒާކިރް ހުށަހެޅި ކުއްލި މައްސަލައަކީ ރާއްޖޭގައި ބޮޑުކަންނެލި ހިފަން ލޭނު މަސްވެރިކަން ކުރަން ހުއްދަދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލައެކެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގައި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގުސަދުގައި ކަމަށްބުނެ ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން ފިޝަރީޒް މިނިސްޓްރީން އާންމު ކޮށްފައިވާ ކަމަށެވެ. އަދި އެނިންމުމާމެދު ކަންބޮޑުވުންފާޅުކޮށް މި ނިންމުން ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.
މައުރޫފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުރީގެ އެކި ސަރުކާރު ތަކުގައިވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު އެ ނިންމުން ތަންފީޒު ކޮށްފައި ނުވާކަމަށެވެ. އަދި އެކަން ތަންފީޒު ކޮށްފައިނުވަނީ ކަނޑުގެ ދިރުންތައް ހަލާކުވުމަށް މަގުފަހިވުމާއި ނެތިދިއުމުގެ ބިރު އޮތް އެތައް ދިރުމެއްވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެ މަސްވެރިކަމުގެ ސިނާއަތަށް ތަފާތުގޮތްގޮތުން އޭގެ ގެއްލުމާއި ކުރިމަތިލާންޖެހޭނެތީކަން ފާހަގަ ކޮށްފައިވެއެވެ.
މި ހުއްދަ އަލުން ދެވިއްޖެނަމަ ކުރިމަތިވެދާނެ ގެއްލުންތަކާއި ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން މަސްވެރިކަމާއި ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ލޭނު މަސްވެރިކަން ކުރުމަށް ހުއްދަދީ އެކަން ތަންފީޒު ކޮށްފިނަމަ އެކަމުން މަސްވެރި އާއިލާތަކުގެ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށާއި އަދި އެކަމުން ރާއްޖޭގެ ކަނޑުގެ ވެއްޓާއި ތމާވެށި އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ސަރުކާރުގެ މި ނިންމުން މުރާޖާކޮށް ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.