އޮކްޓޯބަރުގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ "ބިބީ" ގެ ރަސްމީ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.
ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ތައްތާރުވަމުން އަންނަ މި ފިލްމަކީ އެ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. "ބިބީ" ވާނީ ބެލުންތެރިން ބިރުގަންނުވާލައި، ހެއްވައިލާނެ ފިލްމަކަށެވެ.
ހޮރޯ-ކޮމެޑީ ޖޯންރާ އަކީ ދިވެހި ސިނަމާއާ އަދި ތަންކޮޅެއް ބީރައްޓެހި ޖޯންރާއަކަށްވާތީ ޑާކް ރެއިނުން ބެލުންތެރިންނަށް އޮކްޓޯބަރު 7 ގައި ގެނެސްދޭން ޕްލޭންކޮށްފައި އޮތް "ބިބީ" އާ މެދު ކުރެވޭ އުންމީދުތައް ބޮޑެވެ. އެގޮތުން މިއީ ޝައުގުވެރި ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމަކަށް ވާނެ ކަމަށް ދިވެހި ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކު ގައިމު ވެސް އުންމީދު ކުރާނެ އެވެ.
"ބިބީ" އަކީ މުޅިން އާ އަންހެން ޑައިރެކްޓަރެއްގެ ފިލްމެކެވެ. މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޕީއެސްއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަދި ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދެވެ.
އޭނަ އަކީ "ބިބީ" ގެ ލީޑް ބަތަލު ޝަރަފު އަބްދުﷲ ގެ އަންހެނުންނެވެ. މި ފިލްމުގެ ލީޑް ބަތަލާ އަކީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. "ބިބީ" އަކީ ޝަރަފާއި މަޖޫގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި ތަޖުރިބާކާރު ތަރިންތަކެއް ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ސައީދު ވެސް ހިމެނެ އެވެ. ބޮޑު ކާސްޓެއް ފެންނާނެ "ބިބީ" ގެ ވަރަށް ހާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި، އިސްލާއީމް ވަޖީހު ވެސް ހިމެނެ އެވެެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޓީޒާ ޓްރެއިލާ އަންނަ މަހުގެ ކުރީކޮޅު އާންމުކުރާނެ ކަމަށެވެ.
"ބިބީ" އަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާޗްގައި ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.