Last Updated: January 11, 17:32
Saturday, January 11, 2025
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރަކު ވަކިކުރަނީ

ޓެކްސް އެޕީލް ޓްރައިބިއުނަލް -- ފޮޓޯ / ސަން

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައެވެ. ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރަން ލަފާދޭން ހުށަހެޅި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ. މި ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ލަފާދޭން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ޓްރައިބިއުނަލާ ގުޅޭގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރުމަށް ހުށަހަޅާފައިވަނީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ، ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު، މެންބަރު އަހްމަދު އަޝްރަފް އަދި މެންބަރު ހަދީޖާ ނައީމްއެވެ

މީގެއިތުރުން މީގެއިތުރުން ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކުރާކަމަށާއި، ނުޙައްޤު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާތީ، އެ ކަންކަން ހިނގާފައިވާގޮތް ތަހުގީގު ކުރުމަށް އޭސީސީގައި ދެންނެވުމަށްވެސް ކޮމިޓީ ރިޕޯޓުގައި ހިމަނައި ފާސްކޮށްފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ޓެކްސާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި އިސްތިއުނާފް ކުރެވޭ ތަނެވެ. ޓެކްސާ ގުޅޭ ކަންކަމުގައި ތަންތަން ބަލައި ފާސްކުރުމާއި، ތަކެތި ހިފަހައްޓަން އަމުރު ނެރުމުގެ ބާރު ވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.