ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އެމްޕޮކްސް ބާރަށް ފެތެރެމުން ދަނިކޮށް ފިލިޕީންސް އިން ވެސް އެ ބަލީގެ މީހަކު ފެނިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެމްޕޮކްސްގެ ކޭހެއް އެ ގައުމުން ފެނުނު ފުރަތަމަ ފަހަރެވެ.
ފިލިޕީންސްގެ ހެލްތު މިނިސްޓްރީން ބުބީ އިއްޔެ ބަލި ފެނުނު މީހާ އަކީ ވެރިރަށް މެނީލާ އަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނަ އަކީ މި ފަހުން ގައުމުން ބޭރަށް ދަތުރުކުރުމުގެ ރެކޯޑެއް ވެސް ނެތް މީހެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އެ މީހާ އަށް ޖެހުނީ އެމްޕޮކްސްގެ ކޮން ވޭރިއަންޓެއްތޯ ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފިލިޕީންސްގެ ހެލްތު މިނިސްޓަރު ޓެޑީ ހާބޯސާ ވިދާޅުވީ މިއިން ދައްކުވައި ދެނީ އެމްޕޮކްސްގެ ނުރައްކާ އެ ގައުމަށް އޮތްކަން ކަމަށެވެ.
"މިއީ އެންމެންނަށް ވެސް ލިބުނު އިންޒާރެއް. އެހެންވީމާ އެބަޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން،" އޭނަ ވިދާޅުވި އެވެ. "ފިލިޕީންސްގެ ސިއްހީ ދާއިރާ މިހާރު އޮތީ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ތައްޔާރީ ހާލަތުގައި."
މިދިޔަ އަހަރު ފިލިޕީންސް އިން 9 މީހަކަށް އެމްޕޮކްސް ޖެހުނެވެ.
މި ބަލި މިހާރު ވަރަށް ބޮޑަށް އެފްރިކާގެ ގައުމުތަކުގައި ފެތުރެމުންދާތީ ބަލީގެ ނުރައްކާ މުޅި ދުނިޔެ އަށް ވެސް އޮތްކަން ފާހަގަކޮށް، ޑަބްލިއުއެޗްއޯ އިން މިދިޔަ ހަފުތާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.
އެމްޕޮކްސްގެ ކޭސްތައް އެފްރިކާގެ 13 ގައުމަކުން ފެނިފައިވާ އިރު، މިދިޔަ ހަފުތާގައި ޕާކިސްތާނާއި ސްވިޑްން އިން ވެސް ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވެ އެވެ.