ޤުރުއާން ކިޔެވުމަކީ ގިނަގުނަ އަޖުރު ލިބޭ ކަމެއްކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއިއެކު ޤުރުއާނަކީ އަޅުގަނޑުމެންގެ ޙަޔާތް އޭގެ މައްޗަށް ބައްޓަން ކުރަން ޖެހޭ ފޮތްވެސް މެއެވެ. މި ލިޔުމުގައި މި ހިމަނާލަނީ ޤުރުއާނާއި ތިބާއާ ދޭތެރޭ ރަނގަޅު ގުޅުމެއް ބިނާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.
* ކޮންމެ ދުވަހަކު ކިޔެވުމަށް ޓާގެޓެއް ކަނޑައެޅުން
ކޮންމެ ދުވަހަކު ވެސް ޤުރުއާނުން ކިޔަވާނެ އެންމެ މަދު މިންވަރެއް ކަނޑައަޅާށެވެ. މިސާލަކަށް ކޮންމެ ދުވަހަކު ފަތިސް ނަމާދުގެ ފަހުން 5 ޞަފްޙާ ކިޔެވުމަށް ޓާގެޓެއް ކަނޑައެޅިދާނެ އެވެ. މީގެ އިތުރުން ވެސް ވަޤުތު ވާވަރަކުން ކިޔަވާނީއެވެ.
* ޤުރުއާނުގެ މާނަ ދެނެގަތުމަށް މަސައްކަތް ކުރުން
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ޢަރަބި ބަސް ދަންނަ މީހުންނެއް ނޫނެވެ. މިކަމުގެ ސަބަބުން ޤުރުއާން ކިޔަވާ އިރު އޭގެއިން އަޅުގަނޑުމެންނަށް ފަހުމް ވަނީ ވަރަށްވެސް މަދު މިންވަރެކެވެ. ޤުރުއާނުގެ ތަރުޖަމާއެއް ހޯދައިގެން ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް މިންވަރެއް ކިޔާލާށެވެ.
ތަރުޖަމާގައި ހުންނަ މަޢުލޫމާތަށްވުރެ އިތުރަށް ބޭނުންވާނަމަ ޤުރުއާން ތަފްސީރު ފޮތެއްގެ އެހީ ހޯދިދާނެއެވެ. އަވަދިނެތި އުޅެމުން ކޮންމެ ދުވަހަކު ފޮތުން ކިޔަން ވަޤުތު ނުވާނަމަ އޯޑިއޯއެއް އަޑުއެހި ދާނެ އެވެ.
* ޤުރުއާން ހިތުދަސްކުރުން
ޤުރުއާނުން މިންވަރެއް ހިތުދަސްކުރަން ޢަޒުމު ކަނޑައަޅާށެވެ. ކާމިޔާބު ދެއްވުންއެދި ﷲ އަށް ދުޢާކުރާށެވެ. ޤުރުއާން ތަޖުވީދުން ކިޔަން ދަންނަ މުދައްރިސެއްގެ އެހީ ހޯދުމަކީ މިކަން އިތުރަށް ފަސޭހަވެގެންދާނެ ކަމެކެވެ. ކިތަންމެ ކުޑަ މިންވަރެއް ދަސްވިޔަސް ހިތްވަރު އެލުވާނުލާ ކުރިއަށް ދާށެވެ.
ނޯޓް: އިލްމު.އެމްވީ