ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒްކުރުމަށް ފީފާ އިން އެކުލަވާލި ކޮމިޓީގެ ޗެއާމަނަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސައިފި އެވެ.
އޭނަގެ އިތުރުން އެ ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސައިމަން އަދި އަހްމަދު އަލީ އެވެ.
ނޯމަލައިޒިން ކޮމިޓީ އެކުލަވާލައި އެފްއޭއެމުން ރޭ އާންމުކުރި ބަޔާނެއްގައި ވަނީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ވެސް ހިއްސާކޮށްފަ އެވެ.
* އެފްއޭއެމުން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން
* އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސްއާ އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން
* އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން
* ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުން
* ފީފާގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުން
* އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއެއް އިންތިހާބު، އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމްކޮށް، ކުރިއަށް ގެންދިއުން
އިދާރީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ފީފާ އިން ނިންމީ ފައިވަނީ މިދިޔަ މަހުގެ 23 ގަ އެވެ.
ނޯމަލައިޒިން ކޮމިޓީގެ ޗެއާއަކަޑް ހަމަޖެއްސި ޒުހޫރަކީ މި ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަަނަކަށް ހަމަޖެއްސުމަށް ފަހު، ފަހުން މަގާމުން ވަކިކޮށްފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕޯސްޓް މިނިސްޓަރިކަން ކުރެއްވި ޒުހޫރަކީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަމުގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.