Last Updated: January 11, 17:59
Saturday, January 11, 2025
ޚަބަރު

ސްކޭމްގެ މައްސަލަތަކާ ގުޅިގެން އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް

މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްކޭމްގެ މައްސަލަތަކާ ގުޅޭ ފައިސާ ފަސޭހައިން ހޯދޭނެ ގޮތެއް ހެދުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައި އެ އިސްލާހުގެ ބަހުސް ފަށައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުން ބުނެފައިވަނީ، ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބުނެފައިވާކަމަށެވެ. އަދި ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ އިތުރު އެކައުންޓްތަކުގައި ފައިސާ ހިފެހެއްޓޭނެ މެކޭނިޒަމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުުން ކަމަށެވެ.

މި އިސްލާހު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފަވަނީ ސްކޭމްގެ މައްސަލަ އާންމުވަމުންދާ ނިސްބަތަށް ބަލާ، މިއީ ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމެއްކަމަށެވެ. އެހެންކަމުން މިބާވަތުގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށްދިނުމަށާއި އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ވަގުތީ ގޮތުން ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓްތަކުގައި ފައިސާ ހިފަހައްޓާ އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ފުލުހުންގެ ފަރާތުން އެދިލައްވާފަދަ ޤާނޫނީ ހައްލެއް ލިބިދިނުން ކަމަށެވެ.