ސްކޭމްގެ މައްސަލަތައް ހުއްޓުވަން އިސްލާހު ގެންނަންވީ ބޭންކިން ޤާނޫނަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސްކޭމްގެ ފައިސާ ހޯދޭނެގޮތެއް މަގުފަހިކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މި އިސްލާހަށް ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ މެންބަރު މި އިސްލާހު ހުށަހެޅީ ރަނގަޅު މަގުސަދެއްގައިކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ސްކޭމްގެ މައްސަލައަށް ހައްލެއް ނުގެނެވޭ ކަމަށެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ހިނގާފައިވާގޮތަށް ބަލާއިރު އެއް އެކައުންޓުން ނަގާ ފައިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް އެކައުންޓްތަކަކަށް ޓްރާންސްފާ ކުރެވޭކަމަށް ފުލުހުން ހާމަކޮށްފައިވާކަން އަޒާން ފާހަގަ ކުރެއްވިއެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުން ސްކޭމްގެ މައްސަލައަށް ހައްލެއް ނުލިބޭކަން ފާހަގަކޮށް އަޒާން ވިދާޅުވީ ކޯޓު އަމުރެއް ހޯދައިގެން ނުވަތަ ފުލުހުންގެ ތެރެއިން ހުއްދައެއް ހޯދައިގެން ބޭންކްތަކާ މުއާމަލާތްކޮށް އެކައުންޓެއް ފްރީޒްކުރަން އެދޭއިރުވެސް އެ އެކައުންޓުގައި ހުންނަ ފައިސާ ގިނަ އެކައުންޓްތަކަކށް ޓްރާންސްފާކޮށް ފައިސާގެ އަސްލު ގެއްލުވާލާފައި ހުންނަކަމަށެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިފައިވަނީ ބޭންކިން ނިޒާމުގެ ތެރެއިންކަން ފާހަގަކޮށް އަޒާން ވިދާޅުވީ، އެކަން ކުރާ އެއްގޮތަކީ އެކައުންޓްތަކުގެ ފައިސާ ދައުރުވާ ޕެޓާން ދެނެގަނެ އޮޓޮމެޓިކުން އެ ފައިސާ ދައުރުވުން ހުއްޓުވުން ކަމަށެވެ. އަދި ޑްލީޓް ސެޓަލްމެންޓަކީވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް ގެންގުޅޭ އުކުޅެއްކަން އަޒާން ފާހަގަކުރެއްވިއެވެ. މި ދެ ގޮތަކީވެސް ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެހެން ގައުމުތަކުގައި އަމަލުކުރެވޭ ގޮތްކަން ފާހަގަކޮށް އަޒާން ވަނީ ބޭންކިން ގާނޫނަށް އިސްލާހު ހުށަހެޅުމަށް ގޮވާލާފައެވެ.