ސްކޭމްގެ މައްސަލަތަކާ ގުޅޭ ފައިސާ ފަސޭހައިން ހޯދޭނެ ގޮތެއް ހެދުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މިމައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
މެންބަރު މުހައްމަދު އިބްރާޙިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ސްކޭމަކުން ފައިސާ ނަގަމުންދާކަމަށް ފާހަގަވާނަމަ، އެ އެކައުންޓްގައިވާ ފައިސާ އަދި ޓްރާންސްފާ ކުރެވުނު އެކައުންޓްގައިހުރި ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އެ އަމުރު ލިބެންދެން ފައިސާ ހިފެހެއްޓުމަށް އަދި ފައިސާގެ މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންގެ ހިދުމަތުން ނެރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުން ބުނެފައިވަނީ، ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބުނެފައިވާކަމަށެވެ. އަދި ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ އިތުރު އެކައުންޓްތަކުގައި ފައިސާ ހިފެހެއްޓޭނެ މެކޭނިޒަމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުުން ކަމަށެވެ.
މި އިސްލާހު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފަވަނީ ސްކޭމްގެ މައްސަލަ އާންމުވަމުންދާ ނިސްބަތަށް ބަލާ، މިއީ ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމެއްކަމަށެވެ. އެހެންކަމުން މިބާވަތުގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށްދިނުމަށާއި އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ވަގުތީ ގޮތުން ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓްތަކުގައި ފައިސާ ހިފަހައްޓާ އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ފުލުހުންގެ ފަރާތުން އެދިލައްވާފަދަ ޤާނޫނީ ހައްލެއް ލިބިދިނުން ކަމަށެވެ.