ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒްއެވެ.
މި ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދު ތަރައްގީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިބިލުގައި ބުނެފައިވެއެވެ. އަދި މި ސިޔާސަތު ކަނޑައަޅާ އާންމު ކުރަންވާނެ ކަމަށާއި، އަދި ސިޔާސަތު ތަންފީޒުކުރެތޯ ބެލުމުގެ ޒިންމާ އަދާކުރާނީ މިނިސްޓަރު ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އާބަން ޑިވެލޮޕްމަންޓްގެ ބިލުގައިވަނީ އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި “އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީ”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ ކަމަށެވެ.