Last Updated: January 11, 17:59
Saturday, January 11, 2025
ޚަބަރު

ޖަވާބުދާރީވާން ބްރާސްފަތީގައި ޕީޖީ ކޮމިޓީ އަށް ހާޒިރުކުރަނީ

ޕީޖީ ހުސައިން ޝަމީމް- ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ބްރާސްފަތި ދުވަހު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމަށް މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ، މި މައްސަލައިގައި މަޖިލިސް ގަވައިދުގައި ބުނާ ފަސް ދުވަހުގެ ނޯޓިސް ބުދަ ދުވަހު ހަމަވާނެ ކަމަށެވެ. އަދި ބްރާސްފަތި ދުވަހު ޝަމީމް ހާޒިރު ކުރުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފާޒާދު ވަނީ ޕީޖީ ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ފާހަގަ ކޮށްފައިވާ ބައެއް ކަންކަމުގެ ތަފުސީލު ހޯދުމަށް އެދިފައެވެ. އެގޮތުން ބައެއް ކަންކަމުގައި ހިމެނޭ ތަފްސީލު ލިޔެކިޔުން ޕީޖީ އޮފީހުން ސާފުކޮށް ޖުޑިޝަރީ ކޮމިޓީއަށް ހޯދުމަށް ހުށަހެޅިއެވެ. މި ހުށަހެޅުން ކޮޮމިޓީން ވަނީ ފާސްކޮށްފައެވެ. 

ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ ހޯދުމަށް ބޭނުންވާ ލިޔެކިޔުން ޕީޖީ ޝަމީމް ކޮމިޓީއަށް ހާޒިރު ވުމުގެ ކުރިން ހިއްސާ ކުރެއްވުމަށް އެދޭނެ ކަމަށެވެ.

ޕީޖީ ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާ ފައިލް ކުރަން ނިންމުމާއި، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމަށް ނިންމުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، އަލަމްގީރު މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން އަދި ވެންޓިލޭޓަރުގެ މައްސަލައިގައި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުން ހިމެނެއެވެ.