އިސްލާމް ދީނަކީ މަތިވެރި އަޚްލާޤުގެ ދީނެވެ. އިސްލާމްދީނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ދީނެވެ. އިސްލާމީ މުޖުތަމަޢެއްގައި ހުރިހައި މަތިވެރި އަޚްލާޤީ ސިފަތައް ފެންނަން ހުންނަން ވާނެ އެވެ. ނިފާޤުކަމުގެ ހުތުރު ސިފަތަކުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް އެ މުޖުތަމަޢު ވުން ލާޒިމެވެ.
ނަބިއްޔާ صلى الله عليه وسلم ވަނީ ނިފާޤުކަމުގެ ސިފަތަކަކީ ކޮބައިކަން ބަޔާންކޮށް ދެއްވައި އެކަމުން ދުރުވުމަށް މުއުމިނުންނަށް ބާރު އަޅުއްވައި ވަޞިއްޔަތް ކުރައްވާފައެވެ. މުނާފިޤުންގެ ސިފަތަކުގެ ތެރޭގައި އެންމެ ފާޅުކަން ބޮޑު ސިފަތަކަކީ ދޮގު ހެދުމާއި، އަމާނާތަށް ޚިޔާނާތްތެރިވުމާއި، ވަޢުދާ ޚިލާފުވުމެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި ވަޢުދަށް ކަމޭހިތުމަކީ އިޖުތިމާޢީ އަޚްލާޤިއްޔާތުގެ އެންމެ މުހިއްމު ރުކުންތައް ކަމަށް ވެސް ބުނެވި ދާނެ އެވެ.
މި ދެންނެވި ސިފަތަކާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކާއި ވާރިދުވެފައިވާ ޙަދީޘްފުޅުތައް ގިނަގުނަ އެވެ. ދޮގު ހެދުމުގެ ނުބައިކަމާއި އެއީ މުއުމިނެއްގެ ގައިގައި ހުރެގެން ވާނޭ ސިފައެއް ނޫން ކަން ވަރަށް ރަނގަޅަށް ބަޔާންކުރައްވާފައި ވެއެވެ. ތެދުވެރިވުމުގެ މާތްކަމާއި، ތެދުވެރިންގެ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ. އަދި ޚިޔާނާތްތެރިކަމުގެ ނުބައިކަމާއި އަމާނާތްތައް އޭގެ އަހުލުވެރިންނާ ހަވާލުކުރުމުގެ މުހިއްމު ކަމާއި، ޤިޔާމަތުގެ ޢަލާމާތުގެ ތެރޭގައި އަމާނާތް އޭގެ އަހުލުވެރިން ނޫން މީހުންނާ ހަވާލު ކުރެވިގެން ދިޔުން ހިމަނުއްވާފައިވެއެވެ.
ވަޢުދާއި ޢަހުދަށް ވަފާތެރިވުމުގެ މަތިވެރިކަމާއި ޢަދުއްވުންނާ މެދު ވެސް އެ ސިފަތައް ދަމަހައްޓައި ޢަދުލުވެރިވުމަށް އަމުރުކުރައްވާފައިވެ އެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މިއާ އިދިކޮޅު މަންޒަރުތަކެއް ފެނިގެން ދާ ކަމީ ނިހާޔަތަށް ހިތާމަ ހުރި ކަމެކެވެ. މުޖުތަމަޢުން ފެނިގެން ދަނީ މަކަރާއި ހީލަތާއި އޮޅުވާލުމެވެ. ނުއުފުއްލޭވަރުގެ އަމާނާތްތަކާ ހަވާލުވުމާއި ހަވާލުކުރުމެވެ. ޚިޔާނާތްތެރިވުމެވެ. ދޮގު ހެދުމެވެ. މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމެވެ. މީސްތަކުންގެ އަބުރާއި ޢިއްޒަތް ނަގައިލުމެވެ.
މީހުންގެ މަސް ރޮލައި ކެއުމެވެ. ސުވާލަކީ، މިއީ އިސްލާމީ މުޖުތަމަޢެއްގައި މިކަން އޮންނަން ޖެހޭ ގޮތްތޯއެވެ؟ އަޅުގަނޑުމެންގެ ތެދުވެރިކަން ކޮބައިތޯ އެވެ؟ އަޅުގަނޑުމެން މާތް ﷲ އަށް ބިރުވެތިވާން ޖެހޭ ޖެހުން ކޮބައިތޯއެވެ؟ އަޅުގަނޑުމެން އާޚިރަތަށް އީމާން ވާ ވުން ކޮބައިތޯ އެވެ؟ އާޚިރަތެއް ނެތީތޯ އެވެ؟ ކަލަކު ވޮޑިގެން ނުވަނީތޯ އެވެ؟ ހެޔޮ ގޮތާއި ނުބައި ގޮތް ދީނުގައި ބަޔާންވެފައި ނުވަނީތޯ އެވެ؟ އަޅުގަނޑުމެން މަރު ނުވާނީތޯ އެވެ؟ އަޅުގަނޑުމެންގެ ވިސްނުން މާއްދިއްޔަތަށް ގޮސް ހުސްވާން ވީ ކީއްވެތޯ އެވެ؟ މާއްދިއްޔަތަކީ ފަނާނުވާނެ އެއްޗަކީތޯ އެވެ؟
މި ހުރީ ހައްތަހާ ވެސް ސުވާލުތަކެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ކުރަން ޖެހޭ ސުވާލުތަކެކެވެ. އަމިއްލަ ނަފްސު މުރާޖަޢާކުރަންވީއެވެ. ޣާފިލުކަމުގެ ނިދިން ހޭލަންވީ އެވެ. އަޅުގަނޑުމެންނަށް ދެވެނީ ނުބައި މަގަކުންކަން ދަނެގަންނަންވީ އެވެ. މާތް ﷲ މަތިން ހަނދުމަކުރަން ޖެހޭ މިންވަރަށް ހަނދުމަ ނުކުރެވެނީ ކަން ޤަބޫލުކުރަން ވެއްޖެއެވެ. ބިރުވެތިވާން ވީ މިންވަރަށް ބިރުވެތި ނުވެވެނީ ކަން ދަންނަން ވެއްޖެ އެވެ. ނިފާޤުކަމުގެ ސިފައިން މުޖުތަމަޢު ދުރުކުރަން ޖެހެ އެވެ.
އީމާންކަމުގެ ރީތި ސިފަތަކުން މުޖުތަމަޢު ޒީނަތްތެރިކުރަން ޖެހެ އެވެ. އިޖުތިމާޢީ އަޚްލާޤިއްޔާތުގެ މަތިވެރި ސިފަތައް ޤާއިމުވެފައި ހުރި މުޖުތަމަޢެއް ޤާއިމު ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަން ކަށަވަރެވެ.
ނޯޓް: މިއީ ޝައިހް ޝަފީޢު ޢަބްދުއްﷲ ގެ ލިޔުއްވުމެކެވެ.