ޝާހިދު ކަޕޫރާ އެކީ ތިން ފިލްމެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އަނެއްކާ ވެސް އޭނައާ އެކީ ފިލްމެއް ހަދަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ބޮޑު ބަޖެޓް އެކްޝަން ތުރިލާއެއް ކަމަށެވެ. ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށާއި ފިލްމު އަވަހަށް ރަސްމީކޮށް ފިލްމު އިއުލާން ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އެހެންވެ މި ވަގުތު އަދި ފިލްމުގެ ނަމާއި އިތުރު ކާސްޓުންނަކީ ވެސް ކޮބައި ކަމެއް ނޭނގެ އެވެ.
ޝާހިދާ އެކީ ވިޝާލް ފިލްމެއް ހަދަން ތައްޔާރުވެފައިވާކަމުގެ ވާހަކަތައް ދެކެވެން މި ފެށީ، ކާތިކް އާރިއަނާ އެކީ ފިލްމެއް ހަދަން ޕްލޭންކޮށްފައި އޮތްކަމުގެ ވާހަކަތަކެއް ދާދި ފަހުން ދެކެވިފައި ވަނިކޮށެވެ. އެކަމަކު އެއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ޝާހިދާ އެކީ ވިޝާލް ކުރިން ގެނެސްދިން ފިލްމުތަކަކީ 2009 ގެ "ކަމީނޭ" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2017 ގެ "ރަންގޫން" އެވެ. މި ތިން ފިލްމުގެ ތެރެއިން "ކަމީނޭ" އާއި "ހައިދަރު" އަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ. އަދި "ކަމީނޭ" ގައި ހިމެނޭ "ދަން ޓަ ނާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޝާލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން ތައްބޫ އާއި އަލީ ފަޒަލްގެ ސްޕައި ތުރިލާ "ކޫފިޔާ' އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް ތާވަލުކޮށްފައި އޮތް "ދޭވާ" އެވެ.