ސިދާތު އާނަންދު ހިއްސާވާ ފިލްމެއްގައި އަކްޝޭ ކުމާރު އަލަށް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން މިއަދު ބުނީ "ފައިޓާ" އާއި "ޕަތާން" އަދި "ވޯ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ފިލްމު ކުންފުނި މާފްލިކްސް އިން ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމު ވާނީ މީގެ ކުރިން އަކްޝޭ ނުފެންނަ ކަހަލަ ވަރަށް ޝައުގުވެރި ރޯލަކުން ފެންނާނެ ވަރުގަދަ އެކްޝަން ފިލްމަކަށް ކަމަށެވެ.
އެ ނޫހުން ބުނި ގޮތުގައި އެ ފިލްމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، ނަން އަދި ސާފުނުވާ ފިލްމު ޑައިރެކްޓްކުރާނީ މިލަން ލުތުރިއާ އެވެ. އޭނައާ އެކީ އަކްޝޭ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2013 ގެ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއި ދުބާރާ" ގަ އެވެ.
ލުތުރިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޕީރިއަޑް ކްރައިމް ތުރިލާ "ސުލްތާން އޮފް ދިއްލީ" އެވެ.
ސިދާތުގެ ސްޓޫޑިއޯގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސައިފް އަލީ ޚާންގެ "ޖުވެލް ތީފް: ދަ ރެޑް ސީ ޗެޕްޓާ" އާއި ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ "ދަ ކިންގް" ގެ އިތުރުން ސްރީ ސްރީ ރަވީ ޝަންކަރަށް ބިނާކޮށް ހަދާ ފިލްމެއް ހިމެނެ އެވެ.
މި އަހަރުގެ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދިން "ފައިޓާ" އަށް ފަހު، ސިދާތު އަނެއްކާ ވެސް ވަރުގަދަ އެކްޝަން ތުރިލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އޭނަގެ މާފްލިކްސް އިން އަކްޝޭ ހިމައިގެން ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 15 ގައި ރިލީޒްކުރި "ކޭލް ކޭލް މޭ" އެވެ.