އަންނަ ހުކުރު ދުވަހު މާލެ ސަރަހައްދުގެ ދެ މިސްކިތެއްގައި ބޭރުގެ ދެ އިމާމަކު ހުކުރު ނަމާދު ކުރައްވާ ގޮތަށް ހަމަޖެއްހިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގައި އަންނަ ހުކުރު ނަމާދު ކުރައްވާނީ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ޙަމްދާން އައްސުލާމީ ކަމަށެވެ. އޭނަ ޚުތުބާ ދެއްވާނީ އަރަބި ބަހުންނެވެ.
އިސްލާމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް އަރަބި ބަހުން ޚުތުބާއެއް ދެއްވީ މިސްރުގެ ޝައިޚުލްއަޒްހަރު ފަޟީލަތުއް ޝައިޚް ޖާދަލް ޙައްގު އެވެ.
ޝަހީމު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު ހުޅުމާލޭގެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމު މަޖުދީ އީސާ ކަމަށެވެ. އޭނަ ޚުތުބާ ދެއްވާނީ އިނގިރޭސި ބަހުންނެވެ. އިމާމު މަޖުދީ އަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.