ސަރުކާރުން އުޅެނީ އަނެއްކާވެސް ކަތީބު ސިސްޓަމަށް ރާއްޖެ ގެންދަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލާއި ގުޅޭގޮތުން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުންނެވެ.
އެ ބިލުގައިވާ ގޮތުން އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މި ސިޔާސަތު ތަންފީޒުކުރޭތޯ ބެލުމުގެ ޒިންމާ އަދާކުރާނީ މިނިސްޓަރު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މި ބިލަށް ފާޑު ވިދާޅުވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހެއި ދަރިއެއް ކަމަށާއި ޕީޕީއެމް/ޕީއެންސީ އަކީ މި ނިޒާމާއި ބީރައްޓެހި ބައެއް ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ފަށަލައަކަށް ފަހު ފަށަލައެއް ނޮޅަމުން ގޮސް، އެ ނިޒާމުގެ ތެރެއިން ކައުންސިލްތަކަކީ ހަމައެކަނި ރަށްރަށުގެ މަގުބައްތި ޖެހުމާއި ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުވެފައި ތިބި ބައެއް ކަމަށް ހަދާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ މައްޗަށް މާލޭގައި ހުންނަވާ "އެޓޯލް މިނިސްޓަރަށް" ބަސް ވިދާޅުވެވިގެން ނުވާނެ ކަމަށާއި އެމްޑީޕީ ސަރުކާރުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނީ އެއީ ރާއްޖެ ހިންގުމަށް އެންމެ ރަނގަޅު ނިޒާމު ކަމަށް ގަބޫލުކުރާތީ ކަމަށްވެސް ވިދާޅުވި އެވެ.
""ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ، މިހާރު އެ ބޭފުޅުން އެ ނިންމަވަނީ އެއީ މިނިސްޓްރީގެ ބަޖެޓަށް ދާންޖެހޭ އެއްޗެއް ކަމަށް. ދެން ޖެހޭނީ ކައުންސިލްތަކުން ކުޑަ ސިޓީ ފޮނުވައިގެން މިނިސްޓްރީގައި އާދޭސް ދަންނަވައިގެން، ދޮޅު ރުފިޔާ ބައި ކައުންސިލަށް ލިބޭތޯ ސަލާން ޖެހުމަށް. މި ނިޒާމު އެމްޑީޕީއަކުން ގަބޫލެއް ނުކުރަން،" ޝާހިދު ވިދާޅުވި އެވެ.
"އެއީ އަނެއްކާވެސް އެނބުރި ބޯދާ ޒަމާނަށް، ކަތީބު ސިސްޓަމަށް މި ރާއްޖެ ގެންދިޔުމަށް ކުރަމުންގެންދާ މަސައްކަތެއް،"
ޝާހިދު ވަނީ މިކަން ކުށްވެރިކޮށް ހުރިހާ ކައުންސިލްތަކަކުން ބަޔާން ނެރުމަށް ގޮވާލާ ކަމަށާއި، އެމްޑީޕީ އޮންނާނީ ވަރަށް ސާބިތުކަމާއެކު ރައްޔިތުންނަށް ބާރުތައް ދިނުމުގައި ކަމަށްވެސް ވިދާޅުވެފަ އެވެ.