ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހަޅާފައިވާ އެ ބިލުގައިވާ ގޮތުން އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މި ސިޔާސަތު ތަންފީޒުކުރޭތޯ ބެލުމުގެ ޒިންމާ އަދާކުރާނީ މިނިސްޓަރު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ މިއަދު ފެންނަމުން ދަނީ ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތަން ކަމަށާއި މިއީ އަތް އުރާލައިގެން ތިބެވޭނެ ކަމެއް ނޫން ކަަމަށެވެ. އެގޮތުން އާބަން ޑިވެލޮޕްމަންޓް ބިލަކީ މުޅި ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއް ކަމަށާއި އެ ބިލުގައި ހިމަނާފައި އޮތް މާއްދާއެއްގެ ސަބަބުން، ކައުންސިލަރުންނަށް ދެވިފައިވާ މާލީ އަދި އިގްތިސާދީ ކަންކަން ބައްޓަން ކުރުމަށް ދެވުނު ބާރުވެރިކަން ނިގުޅައިގަނެވޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޑިމޮކްރަސީ ހިފަހައްޓައ، ކުރިއެރުވުމަށްޓަކައި ލާމަރުކަޒީ ނިޒާމާއި ކައުންސިލަރުންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް ކަމަށާއި މިއީ ހަމައެކަނި ލާމަރުކަޒީ ނިޒާމަށް ދޭ ހަމަލާއެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މުޅި ޑިމޮކްރަސީ އަށް ވެސް މި ސަރުކާރުގެ ފަރާތުން ދެމުންދާ ހަމަލާތަކުގެ ތެރެއިން މިހާ ހިސާބަށް ގެންނަ އެންމެ ނުރައްކާ އެއް ހަމަލާ،" ފައްޔާޒު ވިދާޅުވި އެވެ.