ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އަނިޔާވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ޔާމީން ކުރައްވާފައި ހުންނެވި ކަންތައްތަކަށް ބަލާއިރު އެއީ އެއްވެސް ޝައްކެއް އަދި ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި އެގޮތުން ޔާމީންގެ ވެރިކަމުގައި އަމިއްލަފުޅު ބޭބެ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުކުމް ކުރީ އުމްރާ އަށް ގޮސް ހުރި ގާޒީއެއް ރޯދަ މަހެއްގެ 27 ވިލޭރޭ މާލެ ގެނެސްގެން ކަމަށެވެ.
ކޯޓުތަކަކީ މިނިވަން ތަނެއް ކަމާއި އެއީ ތިމަންނައާ ބެހޭ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިޔަސް މިއީ އެމަނިކުފާނުގެ ވެރިކަމުގައި ކަން ހިނގާފައި ހުރި ގޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޔާމީނަކީ އަނިޔާވެރިއެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އެއަށް ވުރެ ދެން އަނިޔާވެރިވާނީ ކާކުތޯ، ކާކުތޯ އޭނާގެ މުސްކުޅި ބޭބެ އަށް އިހުސާންތެރި ނުވި މީހަކު ދެން އެހެން ކާކަށްތޯ އިހުސާންތެރިކަމެއް އޮންނާނީ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އަކީ ޔާމީނާ ކުރިން ވަރަށް ގާތް ބޭފުޅެއް ނަމަވެސް، ޔާމީންގެ ވެރިކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ނާޒިމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައި އޭނާ 25 އަހަރަށް ޖަލަށްލާން ވެސް ހުކުމްކުރި އެވެ. އެ ހުކުމް ރިވިއުކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ޑިސެމްބަރު 2018 ގައި ވަނީ ހުކުމް ބާތިލުކޮށްފަ އެވެ.