(ޖުލައި 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ޞަޙާބީންގެ ބަސްފުޅުތަކުން ޤުރުއާން ތަފްސީރު ކުރުން:
ޞަޙާބީންނަކީ އީމާންކަންމަތީހުރެ މާތް ނަބިއްޔާ ﷺ އާއި ބައްދަލުވު، މުސްލިމެއްގެ ގޮތުގައި މަރުވެގެން ގޮސްފައިވާ ބޭކަލުންނެވެ. ރަސޫލާ ﷺ ގެ ޞަޙާބީންނަކީ މާތް ﷲ ހޮއްވަވާ ޚިޔާރުކުރައްވާ އެމަތިވެރި ޝަރަފުދެއްވި ބައެކެވެ. އެބޭކަލުންނަކީ ﷲ ތަޢާލާ އެބައަކާއިމެދު ރުހިވޮޑިގެންފައިވާ ބައެކެވެ. ރަސޫލާ ﷺ އަށް އިމާންވެ އެކަލޭގެފާނަށް ނަޞްރުދީ ވާގިވެރިވެ، އިސްލާމްދީން ފެތުރުމުގައި ޞަޙާބީންވަނީ ޖާނާއި މާލުން ޤުރުބާންވުމުގެ ފުރިހަމަ ނަމޫނާ އުންމަތަށް ދައްކަވާފައެވެ. އެހެންކަމުން އެބޭކަލުންނަށް އިސްލާމްދީނުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވެއެވެ. އެބޭކަލުންނަށް ތަޢުރީފުކުރައްވާ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއް ﷲ ތަޢާލާ ބާއްވާލައްވާފައިވެއެވެ. މިހެންވެ ބައެއް ދަންނަބޭކަލުންގެ އަރިހުގައި އެބޭކަލުންގެ ބަސްފުޅުތަކަކީ ޙުއްޖަތެކެވެ.
ކީރިތި ޤުރުއާން ތަފްސީރުކުރުމުގައި ޞަޙާބީންގެ ބަސްފުޅުތައް ރުޖޫޢަވާން ޖެހޭ ސަބަބު:
* ޞަޙާބީންނަކީ ކީރިތި ޤުރުއާން ބާއްވައިލެއްވުނު ހިނދު ތިއްބެވި ބޭކަލުންނަށްވެފައ، ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ބާއްވައިލެއްވުނު ސަބަބުތައް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލުންނަށްވާތީ.
* އެ ބޭކަލުންނަކީ ކީރިތި ޤުރުއާން ބާއްވައިލެއްވުނު ޢަރަބި ބަހުގެ ފުންނާބު އުސް އަހުލުވެރިންނަށްވާތީ.
* ކީރިތި ޤުރުއާން ބާއްވައިލެއްވުނު ހިނދު ތިބި މުޝްރިކުންނާއި، އަހުލުކިތާބީންނާއި، މުނާފިޤުންނާއި، އެނޫންވެސް މީހުންގެ ޙާލަތު * އެންމެ ރަނގަޅަށް ދަނެތިބި ބަޔަކީ ޞަޙާބީންނަށްވާތީ.
* އެ ބޭކަލުންގެ ހިތްނިޔަތް ސީދާވުމުގެ ސަބަބުން.
* އެ ބޭކަލުންގެ ކީރިތި ޤުރުއާނުގެ ފަހުމުވުން ރަނގަޅުވުމުގެ ސަބަބުން.
ކީރިތި ޤުރުއާން ތަފްސީރު ކުރެއްވުމުގައި ޞަޙާބީންގެ މަސްދަރުތައް:
* ކީރިތި ޤުރުއާން
* ރަސޫލާ ﷺ ގެ ޙަދީޘް
* ޢަރަބި ބަސް
* އަހުލުކިތާބީންގެ ރިވާޔަތްތައް
* އަމިއްލަ ފަހުމާއި އިޖްތިހާދު
ނަބިއްޔާ ﷺ ގެ އަރިހުން ދަސްވެނިވެވަޑައިގަތް މާތް ޞަޙާބީބޭކަލުންވެސް ކީރިތި ޤުރުއާން ތަފްސީރު ކުރެއްވުމުގައި އެންމެ ފުރަތަމަ ރުޖޫޢަވީ މަސްދަރަކީ ކީރިތި ޤުރުއާނެވެ. އަންނަނިވި އާޔަތުގެ ތަފްސީރުގައި މާތް ޞަޙާބީ ޢަލީގެފާނު ވިދާޅުވެފައިވެއެވެ: {وَالسَّقْفِ الْمَرْفُوعِ} [الطور: 5]، {السَّقْفِ} ގެ މުރާދަކީ އުޑެވެ. ދެން އެކަލޭގެފާނު (ޙުއްޖަތެއްގެ ގޮތުގައި އެލަފްޒު ވާރިދުވެފައިވާ އެހެން އާޔަތެއް) ކިޔަވާ ވިދާޅުވިއެވެ:
﴿وَجَعَلْنَا السَّمَاءَ سَقْفًا مَحْفُوظًا وَهُمْ عَنْ آيَاتِهَا مُعْرِضُونَ﴾ [الأنبياء: 32]
މާނައީ: "އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ."
މިއީ ޞަޙާބީން ކީރިތި ޤުރުއާނުން ޤުރުއާން ތަފްސީރުކުރެއްވުމުގެ މިޘާލެކެވެ.
ޞަޙާބީން ކީރިތި ޤުރުއާން ތަފްސީރު ކުރެއްވުމުގައި ނަބިއްޔާ ﷺ ގެ ޙަދީޘްތަކަށް ރުޖޫޢަވުމުގެ މިޘާލަކީ އަންނަނިވި އާޔަތުގެ ތަފްސީރުގައި ޢަބްދު ﷲ ބުން ޢައްބާސް ވިދާޅުވެފައިވާ ބަސްފުޅެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ﴾ [سورة ق: 30]
މާނައީ: "އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ."
ޢަބްދު ﷲ ޢައްބާސް މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ: "ނަރަކަ އެފަދައިން ދެންނެވުމުން ﷲ ތަޢާލާ ނަރަކައިގެ މަތީގައި ﷲ ތަޢާލާ ފައިންޕުޅު އަޅުއްވާނެތެވެ. އެހިނދު ނަރަކަ ދަންނަވާނެތެވެ. ފުރިއްޖެއެވެ. ފުރިއްޖެއެވެ."
އިސްވެދިޔަ އާޔަތުގެ ތަފްސީރުގައި ޢަބްދު ﷲ ޢައްބާސް ވިދާޅުވި ބަސްފުޅަކީ ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅެއްގައި ބަޔާންވެފައިވާ ވާހަކައެކެވެ. މިއީ ޞަޙާބީން ކީރިތި ޤުރުއާން ޙަދީޘުން ތަފްސީރުކުރުމުގެ މިޘާލެކެވެ.
ޞަޙާބީންނަކީ ޢަރަބި ބަހުގެ އަހުލުވެރިންނެވެ. ކީރިތި ޤުރުއާން ބާއްވައިލެއްވުނީ އެބައިމީހުންގެ ބަހުންނެވެ. އެހެންކަމުން އެބޭކަލުންނަށް ކީރިތި ޤުރުއާން ވަރަށް ރަނގަޅަށް ދޭހަވެ ފަހުމުވިއެވެ. އަދި ކީރިތި ޤުރުއާން ތަފްސީރު ކުރެއްވުމުގައިވެސް އެކަންވީ އެބޭކަލުންނަށް އިތުރު އެހީއަކަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿إِنَّا أَنْزَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ﴾ [سورة يوسف: 2]
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުންއޮތް ޤުރުއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ."
ކީރިތި ޤުރުއާން ތަފްސީރު ކުރުމުގައި ޞަޙާބީން ޢަރަބި ބަހަށް ރުޖޫޢަވުމުގެ މިޘާލަކީ އަންނަނިވި އާޔަތުގެ ތަފްސީރުގައި ޢަބްދު ﷲ ޢައްބާސް ވިދާޅުވި ބަސްފުޅެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {وَأَذِنَتْ لِرَبِّهَا وَحُقَّتْ} [الانشقاق: 2]
ޢަބްދު ﷲ ބިން ޢައްބާސް {وَأَذِنَتْ} މިކަލިމައިގެ މާނައާއި ބެހޭގޮތުން ވިދާޅުވިއެވެ: "އުޑު އޭގެ ވެރި ރައްބުގެ ބަސްފުޅު އަޑުއެހިއެވެ".
ކީރިތި ޤުރުއާން ތަފްސީރު ކުރުމުގައި އަހުލު ކިތާބީންގެ ރިވާޔަތްތައް ޒިކުރުކުރުމަކީ ބައެއް ޞަޙާބީން ކުރައްވާފައިވާ ކަމެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަހުލު ކިތާބީންނަކީ ފޮތުގެ އަހުލުވެރިންނެވެ. އެބައިމީހުންގެ މައްޗަށް ﷲ ތަޢާލާ ބާއްވައިލެއްވި ފޮތްތަކުގައި ވަރަށް ގިނަ މަޢުލޫމާތު އެކުލެވިގެންވެއެވެ.
ޞަޙާބީންނަށް އަހުލު ކިތާބީންގެ ތެރެއިން އިސްލާމްވި ބޭކަލުންގެ ފަރާތުން އެފަދަ ޚަބަރެއް ލިބިވަޑައިގަންނަވާ ހިނދުގައި ކީރިތި ޤުރުއާން ތަފްސީރު ކުރެއްވުމުގައި ބައެއް ފަހަރު އެފަދަ ޚަބަރުތައް ބަޔާންކުރައްވައެވެ. އެއީ ކީރިތި ޤުރުއާނާއި ނަބިއްޔާ ގެ ޙަދީޘާއި ފުށު ނާރާ ޚަބަރެއް ކަމުގައިވާނަމައެވެ.
ކީރިތި ޤުރުއާން ތަފްސީރުކުރުމުގައި ޞަޙާބީންގެ އަމިއްލަ ފަހުމާއި އިޖްތިހާދު ބައެއް ފަހަރު ބޭނުންކުރައްވާފައިވެއެވެ. އެހެނަސް އެފަދައިން އެބޭކަލުން ކަންތައް ކުރައްވަނީ ޞައްޙަ ޚަބަރެއް ނެތް ޙާލަތުގައެވެ. މީގެ މިޘާލަކީ ޢަބްދު ﷲ ބިން ޢަމްރު ބުން އަލްޢާޞްގެފާނު ފިނިކަންގަދަ ރެއެއްގައި އިޙްތިލާމުވެ ހިނައިގަންނަން ޖެހުނު ހިނދު، ހިނައިގަތުމުގެ ބަދަލުގައި ތަޔައްމުމް ކުރެއްވި ޙާދިޘާއެވެ. އެކަމާއި ބެހޭގޮތުން ނަބިއްޔާ ﷺ އެކަލޭގެފާނާއި ސުވާލުކުރެއްވުމުން ދެންނެވިއެވެ: "ތިމަން ކަލޭގެފާނު ހިތްޕުޅަށް
އެވަގުތު އަރާވަޑައިގަތީ ކީރިތި ޤުރުއާނުގެ މިއާޔަތެވެ: {وَلا تَقْتُلُوا أَنفُسَكُمْ}[النساء: 29]
މާނައީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ!".
ފިނިކަން ގަދަ ރެއެއްގައި ފެނުން ހިނައިގެންފިނަމަ ނަފްސަށް ގެއްލުމެއްވެ ނަފްސު ޤަތުލުކުރި މީހަކަށް ވެދާނެކަމުގެ ބިރަށްޓަކައި ޢަބްދު ﷲ ބިން ޢަމްރު ބުން އަލްޢާޞްގެފާނު އަމިއްލަ ރައުޔުން އިޖްތިހާދުކުރެއްވުމަށް ފަހުގައި ހިނައިގަތުމުގެ ބަދަލުގައި ތަޔައްމަމް ކުރެއްވީ އެވެ. (ނުނިމޭ)
ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.