Last Updated: January 11, 13:53
Saturday, January 11, 2025
ޚަބަރު

ޕީޖީ ޝަމީމް ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފި

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ. 

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމަށް މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.

ޝަމީމް ޖަވާބުދާރީ ވުމަށް ބާއްވާ ކޮމިޓީ މިއަދު ބާއްވާފައިވާއިރު، ކޮމިޓީ ސިއްރު ކުރަން ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅީ ތުހުމަތުކުރެވޭ މައްސަލަތަކުގައި ބައެއް މީހުންގެ ޒާތީ މައުލޫމާތުތައް ހިމެނޭ ކަމަށް ބުނެއެވެ. 

ޕީޖީ ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާ ފައިލް ކުރަން ނިންމުމާއި، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމަށް ނިންމުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، އަލަމްގީރު މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން އަދި ވެންޓިލޭޓަރުގެ މައްސަލައިގައި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުން ހިމެނެއެވެ.