ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމަށް މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.
ޝަމީމް ޖަވާބުދާރީ ވުމަށް ބާއްވާ ކޮމިޓީ މިއަދު ބޭއްވިއިރު، ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޝަމީމް ވަކިކުރަން ފާސްކޮށްފައެވެ.
ޕީޖީ ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާ ފައިލް ކުރަން ނިންމުމާއި، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމަށް ނިންމުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، އަލަމްގީރު މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން އަދި ވެންޓިލޭޓަރުގެ މައްސަލައިގައި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުން ހިމެނެއެވެ.