އިންޑިއާގެ ކުޅަދާނަ އެކްޓަރު އަނޫޕަމް ކޭރް ޑައިރެކްޓްކުރާ ދެވަނަ ފިލްމު "ތަންވީ، ދަ ގްރޭޓް" ގެ ކާސްޓާ ހޮލީވުޑްގެ ތަރިއަކު ގުޅިއްޖެ އެވެ.
މުމްބާއީގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ރޯލެއް ކުޅޭ ހޮލީވުޑްގެ އެކްޓަރަކީ އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ވެސް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓަރު އިއަން ގްލެން، 63.، އެވެ.
"ތަންވީ، ދަ ގްރޭޓް" ގެ ޝޫޓިންގެ ތެރެއިން އޭނަ ފެންނަ ފޮޓޯއެއް އިއްޔެ ލީކްވެފައި ވަނިކޮށް އަނޫޕަމް ވަނީ ފިލްމުގައި ގްލެން ރޯލެއް ކުޅޭކަން މިއަދު ރަސްމީކޮށް ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
އެ ޕޯސްޓް ގްލެންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް، އޭނަ ކޮށްފައިވާ ކޮމެންޓެއްގައި ބުނީ މިއީ ފުރަތަމަ އިންޑިއާ ދަތުރު ކަމަށާއި އަނޫޕަމާ އެކީ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ވަރަށް ގިނަ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އަނޫޕަމް ވަނީ އޭނަގެ ފިލްމުގައި ގްލެން ހިއްސާވުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.
ސްކޮޓްލޭންޑަށް އުފަން ގްލެން އަކީ މިހާތަަނަށް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.
"ތަންވީ، ދަ ގްރޭޓް" ގެ ޝޫޓިން މިހާރު ކުރިއަށް ދިޔަ ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ކޮންކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. "ތަންވީ، ދަ ގްރޭޓް" އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
މިއީ އޭނަ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު 2002 ގެ "އޯމް ޖޭ ޖަގްދިޝް" އަށް 22 އަހަރު ފަހުން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އަނޫޕަމް ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ.
"ތަންވީ، ދަ ގްރޭޓް" ގެ މިއުޒިކާ ހަވާލުވެފައި ވަނީ 2022 ގެ "އާރްއާރްއާރް" އިން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރްވާނީ އެވެ. އަދި ފިލްމުގެ ސައުންޑް ޑިޒައިންއާ ހަވާލުވެފައި ވަނީ 2008 ގެ "ސްލަމްޑޯގް މިލިއަން" އޮސްކާ ހާސިލުކޮށްފައިވާ އިންޑިއާގެ ރެސުލް ޕޫކްޓީ އެވެ.