ރާއްޖެ އިން މިހާތަނަށް އެމްޕޮކްސްގެ ކޭހެއް ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ މިހާ ހިސާބަށް އައިރު ރާއްޖެއިން އެމްޕޮކްސްގެ ކޭހެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެމްޕޮކްސް ކަމަށް ޝައްކު ކުރެވިގެން ރިޕޯޓު ކުރި ދެ ކޭސް ޕޮޒިޓިވް ވެފައިވަނީ ޗިކަންޕޮކްސް ނުވަތަ ފާނަބަސަންދަށް ކަމަށް ހަލީލް ވިދާޅުވި އެވެ.
އެމްޕޮކްސް އަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށާއި މިހާ ހިސާބަށް އައި އިރު އެބަލީގެ އަލާމާތް ހުރި މީހެއް ރާއްޖެއިން ފެނިފައެއް ނުވާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރާއްޖެ އެތެރެވެފައި ވެސް ނުވާ ކަމަށް ވިދާޅުވި އެވެ.
އެމްޕޮކްސް ރާއްޖެއަށް އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެ އެ ބައްޔަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭ އިން އަންނަނީ ވަމުންނެވެ. އެގޮތުން ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށާއި ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެޗްޕީއޭ އިން ދަނީ ވަމުންނެވެ.
އެމްޕޮކްސްއަކީ ބައިނަލްއަގްވާނީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި މި މަހުގެ 14 ވަނަ ދުވަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ. އެ ހާލަތު އިއުލާންކޮށްފައިވަނީ މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އެހެން ގައުމުތަަކަށް ބަލި ފެތުރެމުންދާތީ އެވެ.