ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ސަރުކާރުން ގެންނަން އުޅޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަނބިދަރިފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ގާނޫނުގައިވާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީޖީ ކަމަށް ބޭފުޅަކު ގެނައުމުގައި ސަރުކާރު އޮތީ "ދެ ކަފި ނޫނީ ތިން ކަފިވެފައި" ކަމަށާއި އެގޮތުން ޕީޖީ ކަމަށް ގެންނަން އުޅޭ އެއް ބޭފުޅަކީ އަބްދުލްރަހީމްގެ ދަނބިދަރިފުޅެއް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އެ މަގާމަށް ކުރީގެ ޕީޖީ އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުގައި އުޅުއްވި މުހުތާޒު މުހުސިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން މިހާރު ހޭލަންވެއްޖެ. މި ދެ މީހުން ކުރެ މީހަކު ކިހިނެއްތޯ ޕީޖީއަކަށް ގެންނަން ކަމުދަނީ. ކޮން ގޮތަކުންތޯ ކަމުދަނީ،" ޔާމީން ވިދާޅުވި އެވެ.
މި ޖަލްސާގައި ވަނީ ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް މާމިގިލީ ކޯޓުން އަމުރެއް ނެރެގެން އެމަނިކުފާނު ހައްޔަރު ކުރުމަށް އުޅުނު މައްސަލައާ ގުޅޭ ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނާ ލިޔެކިޔުމެއް ވެސް ދައްކާފަ އެވެ. އެ ލިޔެކިޔުމުގައި އަދީބުގެ އަތުން އޭރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުޢިއްޒާއި އިތުރުން އޭރު ފޮނަދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަބްދުލްރަހީމަށް ފައިސާގެ ބޮޑެތި އަދަދުތައް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޔާމީން ވަނީ މި ރިޕޯޓަކީ އެމަނިކުފާނަށް މީގެކުރިން ފެނިފައިވާ ރިޕޯޓެއް ނޫން ކަމަށާއި މިކަން ކުރިން އެނގިވަޑައިގެންނެވިނަމަ އެމަނިކުފާނުގެ އަރިހުގައި އިސް ބޭފުޅުންގެ ގޮތުގައި އުޅެން ރައީސް މުއިއްޒާއި އަބްދުލްރަހީމަށް ޖާގަ ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޕީޖީ ކަމަށް އަބްދުލްރަހީމްގެ ދަނބިދަރިފުޅެއް އަދި މުހުތާޒު ގެނެސްފިނަމަ މީގެއިން އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.