މިހާރަކަށް އައިސް ދިވެހި ޤައުމުގައި ވަރަށް ގިނައިން ދޮގު ވާހަކަތައް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދައްކަމުންދާ ކަމަށް ސަރުކާރުގެ އިސްވަޒީރުންނާއި ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ދޭތެރެއަކުން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ދޮގު ވާހަކައެއް ދައްކާލަނީއެވެ. ދެން ސަރުކާރުގެ އެބޭފުޅުންނަށް ޖެހިވަޑައިގަންނަވަނީ ނޫސްކޮންފަރެންސެއް ބޭއްވުމަށް ފަހު އެއްކަލަ ރައްޔިތު މީހާ ދައްކާ ދޮގު ވާހަކަތަކަށް ރައްދު ދެއްވާށެވެ.
ރައްޔިތުން މިދައްކާ ދޮގު ވާހަކަތަކަކީ ކޮންބޭނުމަކު ދައްކާ ވާހަކަތަކެއް ކަން ވެސް އެނގޭނީ ރައްޔިތުންނަށެވެ. އަދި އެ ދައްކާ ވާހަކަތަކަކީ ޙަޤީޤަތްނަމަ އެނގިވަޑައިގަންވާނީ ވެސް އެވާހަކަ ދައްކަވާ ރައްޔިތުންނަށެވެ.
މިއީ މިޤައުމުގެ ރައްޔިތުން ދައްކާ ދޮގު ވާހަކަތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ސަރުކާރުން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވަނީ ކަމަށް ބުނެ ދޮގު ހަދަނީއެވެ. ފަނޑިޔާރުން ކުރާ ޙުކުމްތަކަކީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތަށް ކުރާ ހުކުމްތަކެއް ކަމަށާއި ފުލުހުންނާއި ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ ވެސް ދޮގު ހަދަނީއެވެ. އަޅުގަނޑު ހިތަށް އަރައެވެ. ސަރުކާރުގެ އިސްވެރިންނޭ ކިޔައިގެން މިފަދަ ދޮގު ވާހަކަތައް ރައްޔިތުން ދައްކަނީ ކީއްވެގެން ހެއްޔެވެ؟
ހެޔޮވާނީ ކިހިނަކުންތޯ އެވެ ؟ މާލޭގައި ތިބޭ ގޭންގްތައް ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށް ބުނެ ދޮގު ހެދުމަކީ ހާދަހާ ނުބައިކަމެކެވެ. ސަރުކާރަކުން ގޭންގްތަކެއް ގޮވައިގެން ވެރިކަމެއް ނުކުރާނެ ކަން ދެން ދޮގު ހަދަމުން ދުވާ ރައްޔިތު މީހާއަށް ވެސް ވިސްނެންވެއްޖެއެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި ޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބް ގޭންގް ތަކަށް ޚަރަދު ކުރައްވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މެދުގައި އެމަނިކުފާނު މަޤުބޫލުވެދާނެތީ ކުރާ ކަމަކަށް ވެދާނެއެވެ.
ދޭތެރެއަކުން ސިޔާސީ މީހަކަށް ޖަލު ހުކުމެއް އަންނަ އިރަށް ސަރުކާރުން އެމީހަކު ފްރޭމްކޮށްފިއޭ ކިޔާފައި ދޮގު ހަދަނީއެވެ. އަދި ކިއެއްތޯ އެވެ. ފިސްތޯލަ ފެނުނު މައްސަލައިގައި ފުލުހުން ގޮސް ހެކި ބަސް ދިނުމުން އެމީހުން ދޮގު ހެކިދެނީ އޭ ކިޔާފައި ވެސް ބައެއް ރައްޔިތުން ދޮގު ހަދަނީއެވެ. ނުވިތާކަށް ހެކިބަސް ދިން ފުލުހުން ރިޝްވަތު ނެގިކަމަށް ބުނެވެސް ދޮގު ހަދަނީއެވެ.
ސައި ހޮޓަލަކަށް ވަންނަ އިރަށް ވެސް އަޑު އިވެނީ އެއްކަލަ ދޮގު ވާހަކަތަކެވެ. ކާރެއްގެ ވާހަކަ އަކާއި ކާސިމަކަށް ކެހިދިން ވާހަކަ އެކޭ ކިޔާފައިވެސް ރޯބުހުތާން ދޮގު ހަދަނީއެވެ. މަގުން ހިނގާފައި ދަނިކޮށް މީހަކު އައިސް ކަރުދާސް ކޮޅެއް ދީފާނެއެވެ. އެއަށް ބަލާލާއިރު ވެސް މިއޮންނަނީ ކޮންމެވެސް ދޮގު ވާހަކައެކެވެ.
ނޫސްވެރިން ވަގަށް ނެގުމަށާއި ދީނީ އިލްމުވެރިން މަރާލުމަށް ރާއްވަވަނީ ވެސް ސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރު އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވެ ދޮގު ހަދާ ރައްޔިތުން ވާހަަކަ ދެއްކުމަކީ ހާދަހާ ބޮޑު މައްސަލައެކެވެ.
ކަރަންޓު ބިލެއް ބޮޑު ވާއިރަށް ތިމާ ކަރަންޓު ބޭނުންކުރި މިންވަރު ހަދާން ނައްތާލަފައި ގޮސް ރަށު ރައްޔިތުން އެއްކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބަދުނާމު ކުރުމަށް ދޮގު ވާހަކަ ދައްކަން ފަށަނީއެވެ.
ދޮގު ހަދާ ރައްޔިތުން ރާއްޖޭގައި މަދު ނޫންކަން ހާމަވެގެން ދިޔައީ މެއި މަހުގެ 1 ވަނަ ދުވަހުއެެވެ. ވެރިރަށް މާލޭގެ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް އެއްކަލަ ދޮގު ހަދާ ރައްޔިތުން ފުރާލިއިރު ގެންގުޅުނު ބެނާތަކާއި ޕޯސްޓަރުތަކުގައި ވެސް ދޮގު ވާހަކަތައް ލިޔެފައި ހުއްޓެވެ.
ގިނަ ރައްޔިތުންތަކެއް ދޮގު ވާހަކަ ދައްކަން ފެށުމުން އޭގެ ނުރައްކާތެރިކަން އެންމެ ބޮޑުވެފައިވާ ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ދޮގު ހަދާ ރައްޔިތުން ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އެންމެ ބޮޑެތި ދޮގު ހަދާ މީހުން ގެންގޮސް ޖަލަށް ލުމުން ވެސް މިކަން ހުއްޓޭކަށް ނޫޅެއެވެ. ދޮގު ހަދާ ރައްޔިތުން ބިރުގަންނަވާލުމަށް ޤާނޫނު ފާސްކުރުމަކުން އަދި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ލައްވައި ކުޑަކޮށް ތަދުކޮށްލައިގެން ވެސް ދޮގު ވާހަކަ ދައްކާ ރައްޔިތުން ހުއްޓުވޭގޮތެއް އަދި ވަނީ ނުވެފައެވެ.
އަޅުގަނޑު ހިތަށް ބައެއް ފަހަރު އަރައެވެ. ސަރުކާރުން ވިދާޅުވަނީ ރައްޔިތުން ދޮގު ހަދަނީ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އެހާ ގިނަ ރައްޔިތުން ދޮގު ހަދަނީ ކީއްވެގެން ހެއްޔެވެ ؟
ރައްޔިތުން މިދައްކާ ވާހަކަތަކަކީ ތެދު ކަމަށް ވެދާނެ ބާއެވެ. ސަރުކާރުން އެވަރަށް ރައްޔިތުންގެ އަގަ ބަންދު ކުރަން އުޅެނީ އެހެންވެ ކަމަށް ވެސް ވެދާނެ ބާވައެވެ ؟ އެހެން ހިތަށް އަރުވާލުމުން ވެސް އަޅުގަނޑުގެ ގާތަށް ހިނި އަތުވެއްޖެއެވެ.
ކޮންމެ ގޮތެއް ހަދާފައި ވިޔަސް ރައްޔިތުން ދައްކަމުން ގެންދާ ދޮގު ވާހަކަތައް ހުއްޓުވުމަކީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖެވެ.