ޞާލިޙު ދަރިންތަކެއް ދެއްވުމަކީ ކޮންމެ މުސްލިމަކު ވެސް އެދޭނެ ކަމެކެވެ. ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ ޞާލިޙު ދަރިންތަކެއް ދެއްވުން އެދި ދުޢާ ކުރުމަށެވެ. އެއީ ދުޢާއަކީ މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) (سورة غافر 60) މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވި އެވެ.
ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”
ތިރީގައިވާ ދުޢާތަކަކީ ކީރިތި ޤުރުއާނުން ހޮވާލެވިފައިވާ، ދަރިން ދެއްވުމަށް އެދި ކުރެވިދާނެ ދުޢާތަކެކެވެ.
( رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ) سورة آل عمران 38
މާނައީ: “އަޅުގެ ވެރިއިލާވެ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”
(رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ) سورة الأنبياء 89
މާނައީ: “އަޅުގެ ވެރިއިލާވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ، އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ އިލާހެވެ.”
(رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ) سورة الفرقان 74
މާނައީ: ” އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”
(رَبِّ هَبْ لِي مِنَ الصَّالِحِينَ) سورة الصافات 100
މާނައީ: “އަޅުގެ ވެރި އިލާހެވެ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!”
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.