Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

ކައުންސިލްތަކުގެ ބާރު ކަނޑުވާލަން އުޅޭކަމުގެ ތުހުމަތު

ކައުންސިލްތަކަށް ސިޔާސީ މުވައްޒަފުން ސަރުކާރުން އައްޔަން ކުރަމުން ދަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ޤާނޫނީ ޝަޚްޞެއްކަން ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންމުގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ކަނޑައެޅިގެން ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ކަމަށެވެ.

އަދި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ރައީސް މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުން ހުއްޓާލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށައަޅާ ފާސްކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް އެ ޕާޓީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

"ޚާއްސަކޮށް ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިންޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލާ ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެކަން ފާހަގަވެއެވެ. އަދި މި ވަގުތު ކޮމިޓީ މަރުހަލާގާ އޮތް އާރބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށައަޅަފައިވާ ގޮތަށް ފާސްކުރެއްވިއްޖެނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާމެދު ރަށު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާއި އަދި ގުޅުންހުރި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކާ، ސިޔާސީ ޕާޓީތަކާއެކު ހުޅުވާލެވިފައިވާ، ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށާއި އަދި އެފަދަ މަޝްވަރާއަކާ މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކޮށްފަ އެވެ.