މާލޭ މަގުމަތިން މީހަކަށް ވަޅިން ބިރު ދައްކާ ފޯނެއް ފޭރުނު އަންހެން މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ ޝާނާ މުހައްމަދު ޖުނައިދުއެެވެ.
ބްރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ މާލޭ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކާ ފޯނެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުގައި މި އަންހެން މީހާވަނީ މިކަން ކުރިކަމަށް އިންކާރު ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި ފޭރުނު ކަމަށް ބުނާ ފޯނު ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.