ބޮލީވުޑްގެ މަގުބޫލު "ރޭސް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަށް ތައްޔާރުވަމުން އަންނަ އިރު، އޭގެ ކާސްޓްގައި ސައިފް އަލީ ޚާނާ އެކީ ސިދާތު މަލްއުތުރާ ވެސް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ "ރޭސް 4" ގެ ރޯލަކަށް ސިދާތު ގެންނަން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ފިލްމުގެ ޓީމުން ޕްލޭން ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށަން ކަމަށް ވެސް ބުންޏެވެ.
"ރޭސް" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ދާދި ފަހުން ބުނީ "ރޭސް 4" ގެ ސްކްރިޕްޓް ވެސް އޮތީ ނިމިފައި މާ ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް ފިލްމުގެ ކާސްޓާ ބެހޭ ގޮތުން އޭނަ ވަކި އެއްޗެއް ނުބުނެ އެވެ. ރަމޭޝް ބުނެފައި ވަނީ ކާސްޓުން އާ ބަޔަކު ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ސައިފަކީ "ރޭސް" ގެ ފުރަތަމަ ދެ ފިލްމުގެ ލީޑް އެކްޓަރެވެ. އެހެންވެ އަލުން "ރޭސް" އަށް އޭނަ ގެންނަން ވަރަށް ގިނަ ބަޔަކު ޑިމާންޑް ވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. ދެހާސް އަށެއްގެ "ރޭސް" އާއި 2013 ގެ "ރޭސް 2" ޑައިރެކްޓްކުރީ އައްބާސް-މަސްތާނެވެ.
"ރޭސް 3" ގެނެސްދިނީ ސަލްމާން ޚާނާ އެކީގަ އެވެ. އެކަމަކު ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރި އެ ފިލްމަކީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި، ބެލުންތެރިންނަށް ކަމުނުދިޔަ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ރޭސް 4" ޑައިރެކްޓްކުރާނީ މި މަހުގެ 15 ގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ "ވޭދާ" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީ އެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.