މަސްވެރިކަމުގެ އުފެއްދުންތައް ތައްއްޔާރުކުރަން ހާއްސަކޮށްފައި އޮތް ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދީފައިވާތީ އެތަނުގެ އޮޕަރޭޝަންތައް ފެލިވަރަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެމްޑީއެފަށް ކަނޑުއޮތްގިރި ދޫކޮށްލިކަން ފިޝަރީޒް މިނިސްޓްރީން ހާމަކުރީ ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެހެންވެ މިހާރު މިފްކޯގެ މެނޭޖްމަންޓާއި އެމްއެންޑީއެފްގެ ޓީމެއް ކަނޑުއޮތްގިރި އަށް ގޮސް ސައިޓް އިންސްޕެކްޝަނެއް ވެސް ހަދާފައިވެ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރަމުންދިޔަ މަސައްކަތަށް އެކަށީގެންވާ ބިމެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ އިން ކަނޑައެޅުމަށެވެ. އެހެންވެ އެ ބިން ހަމަޖެއްސުމުގެ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފަށް ކަނޑުއޮތްގިރި ދިނުމާ ގުޅިގެން އަންނަ މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން މިފްކޯ އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރިއަށް ގެންދަނީ ފެލިވަރުގައި ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތެވެ.
ހަތަރު ހެކްޓަރުގެ ކަނޑުއޮތްގިރި އަކީ މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުން އައި ތަނެވެ.