ލޯކަލް ކައުންސިލްތަކުގެ ބާރު ގެއްލޭގޮތަށް އާބަން ޑިވެލޮޕްމަންޓް ބިލުގައި ހިމަނާފައި ހުރި ކަންކަން ބަދަލުކުރުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
ޑިމޮކްރެޓްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލު އޮތްގޮތުން އާބަން ސަރަހައްދެއްކަމަށް ކަނޑައަޅާ ސަރަހައްދެއް ޕްލޭންކުރުމާއި ތަރައްގީ ކުރުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރާއި ބާރު އެއްވެސް މިންވަރަކަށް ނޯންނާނެ ކަމަށެވެ. އަދި މިހާރު އެ ބިލު އޮތްގޮތަށް ފާސްވެއްޖެނަމަ ޤާނޫނު އަސާސީން ތަސައްވަރު ކޮށްފައިވާ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ، އާބަން ސެންޓަރުތައް ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި އެކީ ނެތިގެންދާނެތީ ކަންބޮޑުވުން އޮތް ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވަނީ މި ބިލުގެ 10 ވަނަ މާއްދާ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ޑިމޮކްރެޓިކް ކޮމިޓްމަންޓާ ދިމާ އިދިކޮޅަށް ކަމަށެވެ.
މި އާބަން ޑިވެލޮޕްމަންޓް ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ، އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ވަކި ސަރަހައްދަކީ، ލޯކަލް ކައުންސިލަކަށް ނިސްބަތްވާ ސަރަހައްދެއްނަމަ އެ ސަރަހައްދެގެ މުނިސިޕަލް ކަންކަން ކުރުމުގެ ފުރިހަމަ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ، ނަމަވެސް އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީކުރުގެ ކަންކަން ކުރުމުގެ އިޚްތިޔާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓިއަށް ލިބޭ ކަމަށް ބުނެފައިވެއެވެ.
"ޑިމޮކްރެޓިކް ކޮންޓްރޯލް ނެތި ހޯދޭނެ އާބަން އަދި އެހެންއެފަދަ ތަރައްގީއެއްވެސް ނެތްކަން އިންސާނީ ތަޖުރިބާ ދައްކައެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބުނެފައިވަނީ ލާމަރުކަޒީ ނިޒާމު ހިންގައި ކުރިއެރުވުމަކީ އިހުތިޔާރެއް ނޫންކަމަށާއި އެއީ ދައުލަތުގެ ވާޖިބެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކާއި ބައިވެރިވުމާއި ގުޅޭ މިފަދަ އިސްލާހުތައް ވާންވާނީ ހަގީގަތުގައިވެސް ރަނގަޅު އިސްލާހަކަށް ކަމަށް ބުނެފައިވެއެވެ.
ޑިމޮކްރެޓްސްއިން ވަނީ މި ބިލުގައި ހުރި ކައުންސިލްތަކުގެ ބާރު ގެއްލޭ ކަންކަން ބަދަލުކުރުމަށް ގޮވާލާފައެވެ.
"ދަ ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ލާމަރުކަޒީ ނިޒާމަށް ހިޔަނި އެޅޭހެން، ލޯކަލް ކައުންސިލްތަކުގެ ބާރު ގެއްލޭހެން އާބަން ޑިވެލޮޕްމަންޓް ބިލުގައި ހުރި ކަންކަން ބަދަލުކުރުމަށް އާންމުކޮށް ފުޅާ ދާއިރާއެއް، ލޯކަލް ކައުންސިލްތައް ހިމެނޭހެން މަޝްވަރާ ހިންގާ، ލޯކަލް ކައުންސިލްތަކުގެ ބާރު އެކީ ކަނޑުވާލާނެހެން މިހާރު މި ބިލުގައި ހުރި ކަންކަން ބަދަލު ކުރުމަށެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ ފަރާތުން އާބަން ޑިވެލޮޕްމަންޓް ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދު ތަރައްގީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިބިލުގައި ބުނެފައިވެއެވެ. އަދި މި ސިޔާސަތު ކަނޑައަޅާ އާންމު ކުރަންވާނެ ކަމަށާއި، އަދި ސިޔާސަތު ތަންފީޒުކުރެތޯ ބެލުމުގެ ޒިންމާ އަދާކުރާނީ މިނިސްޓަރު ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އާބަން ޑިވެލޮޕްމަންޓްގެ ބިލުގައިވަނީ އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި “އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީ”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ ކަމަށެވެ.