Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

އާސަހަރާގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ

މާލޭ އާސަހަރާގެ މަސައްކަތް ސެޕްޓެންބަރު މަހުތެރޭ ނިންމާލެވޭނެ ކަމަށް މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާސަހަރާގެ މަސައްކަތް ސެޕްޓެންބަރު ތެރޭ ނިންމާލެވޭނެ ކަމަށާއި މިސްކިތުގެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށެވެ.

މި މަސައްކަތް ނިމޭއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި, އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުޟޫ ކުރާބަޔެއް އަދި ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކަށް ވަޑައިގެންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ، ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ އާސަހަރާގެ މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

އާސަހަރާ ތަރައްގީ ކުރަނީ ދެ ފަންގިފިލާއަށެވެ.