Last Updated: November 27, 09:34
Wednesday, November 27, 2024
މުނިފޫހިފިލުވުން

"ލަވް އެންޑް ވޯ" ގެ ޝޫޓިން އޮކްޓޯބަރަށް

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން މިއަދު ބުނީ މި ފިލްމުގެ ޝޫޓިން އޮކްޓޯބަރުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާ އިރު، ބަތަލާ އާލިއާ ބަޓް ކްރޫއާ ގުޅޭނީ ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. ސަބަބަކީ މިހާރު އޭނަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމު "އަލްފާ" ގެ މަސައްކަތް ކުރަމުން ދިއުމެވެ.

އެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. "އަލްފާ" އަކީ އާލިއާގެ ވަރަށް ވަރުގަދަ އެކްޝަން ރޯލެއް ހިމެނޭ ފިލްމެކެވެ.

"ލަވް އެންޑް ވޯ" ގެ ބަތަލުންނަކީ އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ. މިއީ ބަންސާލީއާ އެކީ އާލިއާ އާއި ރަންބީރު ވެސް މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އަދި ދެމަފިރިން އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. އާލިއާ އާއި ރަންބީރް އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ.

ބަންސާލީގެ އެންމެ ފަހުގެ ފިލްމު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ބަތަލާ އަކީ އާލިއާ އެވެ. އަދި އެ ފިލްމުން އޭނަ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. ރަންބީރް ބޮލީވުޑަށް ނުކުތީ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ.

"ލަވް އެންޑް ވޯ" އަކީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ، ބަންސާލީއާ އެކީ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.