އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އަމާނާތަކީ، ވެރިކަމުގެ އަމާނާތެވެ. ތަފާތު ދަރަޖަ ތަކުގެ ވެރިކަމެވެ. ޤައުމުގެ ވެރިކަމާއި ކައުންސިލްތަކުގެ މަޤާމްތަކާއި، އަދިވެސް ބައެއްގެ މައްޗަށް އަމުރު ހިންގުމަށް ބާރު ދެއްވިގެންވާ ކޮންމެ މީހެއްގެ އެ ވެރިކަމަކީ، ނުވަތަ މަޤާމަކީ އަމާނާތެކެވެ. އެއާމެދު ﷲތަޢާލާ ޤިޔާމަތްދުވަހުން ސުވާލު ކުރައްވާނެއެވެ.
އާދައިގެ ދާއިރާތަކުގެ ވެރިކަމުން ފެށިގެން ޤައުމުގެ އެންމެ މަތީ ވެރިކަމާ ހަމައަށެވެ. އެހެންކަމުން ވެރިކަމުގެ އަމާނާތުގެ މުހިއްމުކަމާއި މެދު އިސްލާމްދީނުގައި ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އަދި އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވެއެވެ.
މިއަދު ވެރިކަން ހޯދުމަށް އެކަކު އަނެކަކަށް ފެންބޮވައިގަނެގެން ވާޙާލުގައި ބަޔަކުމީހުން ހޭބޯނާރައި ތިބޭތަން އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. އަދި ބަޔަކުމީހުން އެބައި މީހުންނަށް ﷲ ދެއްވި ވެރިކަން، އަމިއްލަ އެދުމާއި ދުނިޔަވީ މަންފާއަށްޓަކައި ބޭނުން ގޮތަކަށް ބޭނުން ކުރަމުން ގެންދާ ތަން އަޅުގަނޑުމެންނަށް އެބަ ފެނެ އެވެ.
މިގޮތުން އިސްލާމީ ޝަރީޢަތުގައި ހުރިހާ ބާވަތެއްގެ ވެރިކަމާއި މަޤާމުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަމާނާތްތެރިކަމާއި އެކު ޙައްޤުތަކުގެ ވެރިންނަށް ޙައްޤުތައް އަދާކޮށްދީ، އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތް ރައްދުކުރުމަށް ވަނީ ބާރު އަޅުއްވާފައެވެ. މީގެ ސަބަބުން ހުރިހާ ބާވަތެއްގެ މަޞްލަޙަތެއް ފުރިހަމަވެ، ތަފާތު ބާވަތުގެ ފަސާދަތައް ނެތިގެން ހިނގައިދެއެވެ. އަދި ނަތީޖާ ފޮނިވެގެން ހިނގައިދެއެވެ. އެންމެން ހިތްއެދޭފަދަ ނަތީޖާތަކެއް ނެރެވެއެވެ.
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންކަމަނާގެ މިގަނޑުވަރުގައި ޙަދީޘްކުރައްވަނިކޮށް ތިމަން ކަމަނާ އަޑުއެއްސެވީމެވެ. «اللَّهُمَّ مَنْ وَلِيَ مِنْ أَمْرِ أُمَّتِي شَيْئًا ، فَشَقَّ عَلَيْهِمْ فَاشْقُقْ عَلَيْهِ ، وَمَنْ وَلِيَ مِنْ أَمْرِ أُمَّتِي شَيْئًا فَرَفَقَ بِهِمْ فَارْفُقْ بِهِ »؛ رواه مسلم މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ އެއްވެސް ވެރިކަމަކަށް އިސްވެ، އޭނާގެ ދަށުގައިވާ މީހުންނަށް ދަތިކޮށްފި މީހާއަށް އިބައިލާހު ދަތިކުރައްވާނދޭވެ! އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ އެއްވެސް ވެރިކަމަކަށް އިސްވެ، އޭނާގެ ދަށުގައިވާ މީހުންނަށް އޯގާވެރިވެއްޖެމީހާއަށް އިބައިލާހު އޯގާވެރިވެ ވޮޑިގަންނަވާނދޭވެ!
ވިސްނަވާށެވެ. ﷲގެ ޙަޟްރަތުގައި އެބޭކަލެއްގެ ހުރިހާ ފާފައެއް ފުއްސެވިގެންވާ މައުސޫމު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިދުޢާ ﷲ އިޖާބަކުރައްވާނެކަމާމެދު ޝައްކެއް އެބަ އޮތްތޯއެވެ.
ވިސްނަވާށެވެ! ތިމާއަށް ﷲ ދެއްވި މިވެރިކަމަކީ މިއީ ﷲގެ ޙަޟްރަތުން ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ހޯދުމަށް ތިމާ ބޭނުންކުރާނެ ފުރުޞަތެއް ކަމުގައި ހައްދަވާށެވެ. ރައްޔިތުންގެ މައްޗަށް އިންސާފު ޤާއިމު ކުރައްވާށެވެ. އޭގެ ފަހުގައި ތިބާއަށް ޢުމަރު ރަޟިޔަﷲ ޢަންހު ފަދައިން، ހަމަހިމޭންކަމާއެކު، ހަމަޖެހިލައިގެން ތިބާގެ ވެރިކަމުގެ ކޮންމެ ހިސާބެއްގައިވެސް، އެއްވެސް ބޮޑީގާޑަކާ ނުލައި، އުފަލާއެކު އުޅެވޭނެއެވެ.
ޢުމަރު ރަޟިޔަﷲ ޢަންހުގެ ޒަމާނުގައި އަސީރެއްގެ ގޮތުގައި ގެނެވުނު މީހަކު، މިސްކިތަށް ވަދެ ބެލިއިރު ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދުއްރާއާއިއެކު އަވަހާރަފުޅު ލައްޕަވާފައި އޮންނަވަނިކޮށް ފެނިފައި ބުންޏެވެ. (އޭޢުމަރެވެ. ކަލޭގެފާނު ޢަދުލު އިންސާފު ޤާއިމު ކުރައްވައިފީމުއެވެ. ފަހެ (އޭގެ ސަބަބުން) ކަލޭގެފާނަށް އަމާންކަން ލިބިއްޖެއެވެ. އަދި (ހަމަޖެހިވަޑައިގެން) އަވަހާރަފުޅު ލައްޕަވައިފީމުއެވެ.
ޢިއްޒަތްތެރި ވެރިންނޭވެ. ކައުންސިލަރުންނޭވެ. ވަޒީރުންނޭވެ. އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް ނުކުރައްވާށެވެ. އަދުލު އިންސާފު ޤާއިމު ކުރައްވާށެވެ. ތިބާގެ ވެރިކަމުގައި ތިބާގެ އަތްފޯރާފަށުގައި އެއްވެސް މަޚުލޫޤަކަށް އަނިޔާއެއް ލިބުނަ ނުދޭށެވެ.
ނިކަން ވިސްނަވާށެވެ. ފިކުރު ކުރައްވާށެވެ. ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ސިޔަރަތު ދިރާސާ ކުރައްވާށެވެ. ތިބާއަކީ ކުޅަދާނަ ސިޔާސީ ލީޑަރަކަށް ވާނެއެވެ.
ޢުމަރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ ވެރިކަމުގެ ވެރިރަށް މަދީނާގައި ހުންނަވައި، އަމިއްލަ ނަފްސާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. އޭ ޢުމަރެވެ! ޢިރާޤުކަރައިގައި ބަޣުލަކަށް (އެއީ ހިމާރާއި އަހުގެ ދަރިއެވެ.) މަގު އުނދަގޫވެއްޖެނަމަ، އެއާމެދު ކަލޭގެފާނާ މާދަމާ ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ. އެއަށް މަގު ހަދައި، ފަސޭހަކޮށް ނުދިނީ ކީއްވެގެން ހެއްޔެވެ؟
މިއަދު އަޅުގަނޑުމެންގެ ވެރިންތައް ޢިބުރަތް ޙާޞިލު ކުރަން ނުޖެހޭތޯއެވެ! މިއީ އިސްލާމްދީނުގައި ޖަނަވާރުންގެ ޙައްޤަށް ރިޢާޔަތްކޮށްފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. ދެން އިންސާނުންނަށް ޢަދުލުވެރިވުމާމެދު އިސްލާމްދީނުގައިވާނެ ކަންތައް ތަޞައްވަރު ކުރައްވާށެވެ.
ޢާމިރު ބުނު ޢަމްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ޢުބައިދުﷲ ބުނު ޒިޔާދުގެ އަރިހަށް ވަޑައިގެން ޢާމިރު ވިދާޅުވިއެވެ. އޭ ކޮއިފުޅާއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. «إن شر الرِّعاء الحُطَمة» فإياك أن تكون منهم؛ متفق عليه. މާނައީ އެންމެ ނުބައި ވެރިންނަކީ އެބައިމީހުންގެ ވެރިކަމުގެ ދަށުގައިވާ ރައްޔިތުންނަށް އަނިޔާވެރިވާ އަދި އެބައިމީހުންނާމެދު ރަޙުމު ނުކުރާ ވެރިންނެވެ. ފަހެ ތިބާއީ އެފަދަ މީހެއް ކަމުގައި ނުވާށެވެ!
އަދިވެސް އިސްލާމްދީނުގައި މުސްލިމުންގެ ވެރިކަމަށް އިސްވާ މީހުންނަށް ދެއްވާފައިވާ އިރުޝާދުތަކުގެ ތެރޭގައި، ރައްޔިތުންގެ ބޭނުންތަކުގެ ވާހަކަ އަޑުއެހުން ވެރިންގެ މައްޗަށް ވާޖިބު ކުރެއްވުން ހިމެނެއެވެ. އަދި ރައްޔިތުންގެ ބޭނުންތައް ހޯދައި، އެބައިމީހުންގެ މަޞްލަޙަތު ހިމެނޭ ހުރިހާކަމެއް ކުރުމަށާއި ބޭނުންތައް ފުއްދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުން ހިމެނެއެވެ. އަދި ރައްޔިތުންގެ ބޭނުންތައް އޭނާއަށް ހުށަހެޅުމަށް އޭނާއާއި ރައްޔިތުންނާމެދު ހުރަހެއް ނުބޭއްވުމަށްވެސް އިސްލާމްދީން ބާރުއަޅުއްވައެވެ.
އަބޫ މަރްޔަމުލް އަޒަދީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު މުޢާވިޔާ ރަޟިޔަﷲ ޢަންހު އަށް ދެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. [މުސްލިމުންގެ މައްޗަށް ﷲ ވެރިކުރައްވައިފި މީހަކު، އެބައިމީހުންގެ ބޭނުންތައް އޭނާއަށް ހުށަހެޅުމަށް އޭނާއާއި އެމީހުންނާމެދު ހުރަހެއް އަޅައިފިނަމަ، އެބަހީ އެމީހުންނަށް އޭނާއާއި ހަމައަށް އެބައިމީހުންގެ ޝަކުވާތައް ނުގެންދެވޭ ގޮތަށް ހަދައިފިނަމަ، ﷲތަޢާލާ އެއިލާހާއި އޭނާއާއި ދެމެދު ފަރުދާކުރައްވާހުއްޓެވެ.] (މާނައީ؛ އެއިލާހުގެ ރަޙުމަތުން އޭނާ ކަނޑުއްވާނެއެވެ. އަދި އޭނާ އާއި ﷲ އާ ދެމެދުގެ ގުޅުން ކަނޑުއްވާނެއެވެ.) އެހިނދު މުޢާވިޔަތުގެފާނު މީސްތަކުންގެ ބޭނުންތައް އެކަލޭގެފާނާ ހަމައަށް ގެނެސް ދެއްވުމަށް މީހަކު ޢައްޔަންކުރެއްވިއެވެ. رواه أبو داود والترمذي
ޤައުމުގެ ވެރިންނޭވެ. އަތޮޅުތަކުގެ ވެރިންނޭވެ. ރަށްތަކުގެ ވެރިންނޭވެ. ﷲ ދެއްވި ތިޔަ ވެރިކަމުގެ ބޭނުން ހެޔޮ ގޮތުގައި، ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭނުން ކުރައްވާށެވެ. ވެރިކަމުގެ އެއްވެސް ނާޖާއިޒު ފާއިދާއެއް ނުނަންގަވާށެވެ. މާދަމާ ޤިޔާމަތް ދުވަހުން ތިބާއާއި ސުވާލު ކުރެއްވޭނެ އެވެ.
ނޯޓް: ނޫރުލްއިސްލާމް