Last Updated: January 11, 11:43
Saturday, January 11, 2025
ޚަބަރު

ޝަމީމަށް ހަމަލާދިން މީހުންނަށް ގަސްދުގައި މީހަކު މަރަން އުޅުމުގެ ދައުވާ

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކޮށްފިއެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކޮށްފައިވަނީ 7 މީހުންގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރަނީ ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމް، ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން، ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު އަދި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރުގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މި މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ މިދުހަތު އާދަމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އިތުރު ބަޔަކާއެކު ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޝަމީމުއާ މެދު މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއެވެ. މުހައްމަދު ޖަޒްލާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިތުރު ބަޔަކާއެކު ޝަމީމަށް ހަމަލާދިނުމަށް ރާވައި، ހަމަލާދިން މިދުހަތު އާދަމް ގޮވައިގެން ސައިކަލެއްގައި ގޮސް ހަމަލާދިނުމުން ސައިކަލުގައި މިދުހަތު އާދަމް ގޮވައިގެން ގޮސްފައިވާތީއެވެ.

މިމައްސަލައިގައި ހިމެނޭ އަހުމަދު މައިސާންގެ ހާޝިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިތުރު ބަޔަކާއެކު ޝަމީމަށް ހަމަލާދިނުމަށް ރާވައި، ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ. އަދި ދެން މި މައްސަލައިގައި ހިމެނޭ ރަޖުވާން ލަތީފް، ޝަމާލް ހުސައިން، އަބާން އަބްދުލްހަންނާނު އަދި ޒަޔާން ނަސީރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި މިހަމާދިން އިރު، ހަމަލާދީ ނިމެންދެން ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.

31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ހަމަލާދީފައިވަނީ މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައެވެ. އެގޮތުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް ޝަމީމުއާ މެދު މާރާމާރީ ހިންގައި އަތުގެ މުލައްދަނޑު ޒަހަމްކޮށްލާފައިވެއެވެ.