Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ސްޓެލްކޯ އިން އީވީ ޗާޖިން ސްޓޭޝަނެއް ހަދަނީ

އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ ކުރެހުމެއް-

އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ޤާއިމްކުރުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް މަސައްކަތް ކުރާކަމަށެވެ.

އެގޮތުން އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ސްޓެލްކޯ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ޗާޖިން ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ ވަރަށް އަވަސް މުސްތަޤުބަލެއްގައި މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

ފަހުމީ ވިދާޅުވީ އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން ކޮރެއާގައި އޮތްފަދަ މޮޑެލްއަކަށް ރާއްޖެ ގެންދިއުން ކަމަށެވެ. މިއީ އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.