މިހާލަތުގައި ރައްޔިތުންނަށް ކަންކަން ސާފުބަހުން ކިޔައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތަކަށް މިއަދު ގެނައި ބަދަލާއެކު ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެވެސް ޒިންމާ ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން މާލީ ހާލަތު މިހިސާބަށް ދިޔަގޮތާއި ދެން ވެދާނެ ކަމަށް ލަފާކުރެވޭ ގޮތާއި އަދި މިކަމުން އަރައިގަތުމަށް އަމަލުކުރުމަށް ރާވާފައި އޮތްގޮތްތައް ރައްޔިތުންނަށް ސާފުބަހުން ކިޔައިދޭންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބީއެމްއެލްއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެ އިން ބޭރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ދަށްކޮށްފައިވާ ކަމަށް ވެސް ބިއެމްއެމް އިން ބުންޏެވެ.
މިއާއެކު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރު ގިނަ ބަޔަކު ނުރުހުން ފާޅުކުރާއިރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގުވަނީ 20 ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ .