Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލަން ނިންމި ނިންމުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާތިލްކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެ އިން ބޭރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ވަނީ ދަށްކޮށްފަ އެވެ.

ނަމަވެސް ބީއެމްއެލުން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެ ނިންމުންތައް މުރާޖާ ކުރުމަށްފަހު، މިއަދު ގެނައި ބަދަލުތައް އުވާލައިފައެވެ.

ބީއެމްއެލުން ދެންމެ ބުނީ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ބަލައި، އެ ނިންމުންތައް އަނބުރާ ގެނެސްފައިވާ ކަމަށެވެ.