Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ސީ-ޓު-އެއާ ހިދުމަތާ ގަތަރު އެއާވޭސް ވެސް ގުޅިއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) ގެ ސީ-ޓް-އެއާ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތާ ގަތަރު އެއާވޭސް ވެސް ގުޅިއްޖެ އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ގަތަރު އެ އެއާލައިންގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ އޭޖެންޓް އޭސް ޓްރެވެލްސްއާ އެކީގަ އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހެވެ. އޭސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގެވެ.

ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއ ޓްރާންޝިޕްމަނަޓްގެ ކާގޯގެ ޚިދުމަތް އަމަލީކޮށް ފެށި ފަހުން ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ ގެނައި ޖުމްލަ 25،191 ޕެކޭޖުގެ އަންނައުނު ރާއްޖެއިން ދުނިޔޭގެ އެކި މަންޒިލްތަކަށް އެކްސްޕޯޓްކޮށްފައި ކަމަށެވެ.

އޭގެ ތެރޭގައި އިޓަލީ އާއި ޖަރުމަނާއި އެމެރިކާ އާއި ކެނެޑާ އަދި ތުރުކީ ހިމެނެ އެވެ.

ސީ-ޓު-އެއާ ހިދުމަތް ދޭން ފެށީ ޓާކިޝް އެއާލައިންސާ އެކީގަ އެވެ.

ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން އަދި ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތާއެކު މަސް ދުވަހުގެތެރޭ އެމްޕީއެލަށް 20،000 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ފިރާގް މިއަދު ވިދާޅުވީ ސީ-ޓު-އެއާ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް ފަހިކޮށް ކަމަށެވެ.

"އަޅުގަނޑުމެން މި ނުކުންނަނީ މި ޚިދުމަތަށް ތަޖުރިބާއާއެކު. ގަތަރު އެއާވޭސްއަކީ މިހާރުވެސް ދުވާލަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާ އެއާލައިނެއް." އޭނަ ވިދާޅުވި އެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގާއި ކަނޑުމަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށް ދިނުމަށް ތަޢާރަފްކުރި ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ.