ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ އެކްޝަން ހެއިސްޓް "ދޫމް" ގެ ހަތަރު ވަނަ ބައިގެ އިޝާރާތެއް އެ އުފައްދާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިއަދު ދީފި އެވެ.
މީގެ ފުރަތަމަ ފިލްމު ރިލީޒްކުރިތާ އަންނަ އަންގާރަ ދުވަހަށް 20 އަހަރު ފުރޭތީ އެކަމާ ގުޅުވައި އެ ސްޓޫޑިއޯ އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި 2004 ގެ "ދޫމް" ގެ މުހިއްމު ރޯލުތަކެއް ކުޅުނު އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާގެ ވީޑިއޯކޮޅަކާ އެކީ ބުނީ އެ ދެ މީހުންހާ އައިކޮނިކް "ޖޯޑެއް" ގެ ނަން ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.
އެ ޕޯސްޓްގައި ބުނީ ފިލްމަށް 20 އަހަރު ފުރުން ފާހަގަ ކުރުން މި މަހުގެ 27 ގައި އޮންނާނެ ކަމަށާއި އެކަމުގައި ބައިވެރިވާން ވެސް އެދޭ ކަމަށެވެ.
އޮގަސްޓް 27، 2004 ގައި ރިލީޒްކުރި "ދޫމް" އަކީ މިދިޔަ އަހަރު މަރުވި ސަންޖޭ ގަންދުވީ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ ކާސްޓްގައި ޖޯން އަބްރަހަމާއި އީޝާ ޑިއޯލް އަދި ރިމީ ސެން ވެސް ހިމެނެ އެވެ. "ދޫމް" ގެ ގެ ބޮޑު ކާމިޔާބީ އަށް ފަހު، "ދޫމް 2" ރިލީޒްކުރީ 2006 ގަ އެވެ. އޭގެ ތަރިންނަކީ އަބީޝެކާއި އުދޭގެ އިތުރުން ރިތިކް ރޯޝަން، އައިޝްވާރިއާ ރާއީ އަދި ބިޕާޝާ ބާސޫ އެވެ. "ދޫމް 2" ވެސް ޑައިރެކްޓްކުރީ ގަދުވީ އެވެ.
އާމިރު ޚާން ޑަބަލް ރޯލެއް ކުޅުނު "ދޫމް 3" 2013 ގައި ގެނެސްދިން އިރު، އޭގެ ޑައިރެކްޓަރަކީ ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ. އޭގެ ކާސްޓްގައި އަބީޝެކާއި އުދޭގެ އިިތުރުން ކެޓްރީނާ ކައިފް ހިމެނެ އެވެ.
"ދޫމް 4" ގެ އިޝާރާތެއް ވައިއާރްއެފުން މިއަދު ދިން އިރު، މިއާ ބެހޭ ވަރަށް ގިނަ ވާހަކަތައް މިހާތަނަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އެގޮތުން ފިލްމުގެ މައިގަނޑު ތަރިއަކަށް ޝާހްރުކް ޚާން، އަކްޝޭ ކުމާރު ޕްރަބާސް އަދި ރަންބީރް ކަޕޫރް ގެންނަން ޕްލޭންކުރިކަމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.
އަދި ކުރީގެ ތިން ފިލްމާ ހިލާފަށް "ދޫމް 4" ގެ ވިލަންއަކަށް ވާނީ ބަތަލާއެއް ކަމަށާއި ފިލްމުން ދީޕިކާ ޕަދްކޯން ފެނިދާނެކަމުގެ ވާހަކަތަކެއް ވެސް ކުރިން ދެކެވިފައިވެ އެވެ.
ނަމަވެސް މިއީ މުޅިން ވެސް ތުންމަތިންނާއި މީޑިއާތަކުގައި ދެކެވިފައި ހުރި ވާހަކަތަކެވެ.
އެހެންވެ "ދޫމް 4" އާ ބެހޭ އެއްވެސް ވާހަކައެއް އަންގާރަ ދުވަހު ވައިއާރްއެފުން ހިއްސާކުރާނެތޯ ބަލާލަން މިއޮތީ އިންތިޒާރެއް ކުރަން ޖެހިފަ އެވެ.