Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

މާލީ ގޮތުން ބީއެމްއެލް އޮތީ ރަނގަޅު ހާލަތެއްގައި

ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބީއެމްއެލް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން ކާޑު ލިމިޓަށް ގެނައި ބަދަލުތަކާ ގުޅިގެން އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލެއް ނޫން ކަމަށާއި މި ބަދަލު މުރާޖާ ކުރުމަށް އެ ބޭންކަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

"ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން މި އޮތޯރިޓީން ފާހަގަކުރަމެވެ،" އެމްއެމްއޭ އިން ބުނެ އެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެ ބޭންކާއި ބައްދަލުކޮށްފައިވާނެ ކަމަށާއި މިގޮތުން ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ބޭންކުން ފާހަގަކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ބުނީ ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށެވެ. މިގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށްވާއިރު މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކުރަމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު މި އަދަދު 307 މިލިއަނަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ. އަދި މިއަހަރުވެސް މި އަދަދު އިތުރުކޮށްފައިވާއިރު މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.

އެމްއެމްއޭ އިން ވަނީ ކުރިއަށް އޮތް ތަނުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށް ބުނެފަ އެވެ.