Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

ގާނޫނާ ހިލާފަށް އެތައް ބަޔަކަށް ބަދަލު ދީފައި އެބަހުރި

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ގާނޫނާ ހިލާފަށް އެތައް ބަޔަކަށް ބަދަލު ދީފައި އެބަހުރި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނޫނަސް ރަށްތަކާއި ފަޅުތައް ގިނަ ފަރާތްތަކަށް ދީފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބަދަލު ދޭން ފެށީ 2019 ވަނަ އަހަރު ބަންޑާރަނައިބް އޮފީހުގައި އެކަމާ ގުޅޭ ކޮމިޓީއެއް ހަދައިގެން ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފަހުން ބަދަލު ދެމުން ދިޔައީ ރައީސް އޮފީހުގައި އެކަމާ ގުޅޭ ކޮމިޓީއެއް ހަދައިގެން ކަމަށްވާއިރު އެ ކޮމިޓީން 10 ފަރާތަކަށް ބަދަލު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭގެތެރެގައި ފައިސާގެ ބަދަލާއި، ރިސޯޓާއި ފަޅާއި އަދި ބައެއް ހާލަތްތަކުގައި ރިސޯޓު ލީޒްކޮށްފައި ހުރި ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި، ޓެކްސް ސެޓްއޮފްކޮށްފައި ވެސް ބަދަލުގެ ގޮތުގައި ދީފައި ހުރީ،" އުޝާމް ވިދާޅުވި އެވެ.

އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެ ކޮމިޓީއަށް ވެސް ހުށަހެޅުމެއް ނެތި ގިނަ ފަރާތްތަކަކަށް ބަދަލު ދީފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. މި ކަންކަން ބެލުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާއްސަ ޓީމެއް އެކުލަވާލައިގެން ބެލުންތައް ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން މީގެތެރެއިން ގިނަ މައްސަލަތަކުގައި ބަދަލު ދީފައި ހުރީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވި އެވެ.

"ގާނޫނާއި ހިލާފަށް ދީފައި ހުރި ހުރިހާ ބަދަލުތައް ކެންސަލް ކުރާނަން. ޝަރީއަތަށް ހުށަހަޅައިގެން ބާތިލުކުރަންޖެހޭ މައްސަލައެއް އޮތް ކަމަށްވަނީނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ދައުލަތުގެ ހަރުމުދާތައް އެއްވެސް ފަރާތަކަށް ދީފައި ހުރި ކަމަށްވަނީނަމަ އެ އެއްބަސްވުންތައް ބާތިލުކުރާނަން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވަނީ މިހާރު ހުރީ މަސައްކަތްތައް ނިންމާލުމުގެ މަރުހަލާގައި ކަމަށާއި މަސައްކަތް ނިމުނުހާ އަވަހަށް ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލައެއް އޮތް ކަމަށްވަނީނަމަ ޝަރީއަތަށް ހުށަހަޅައިގެން އެއްބަސްވުންތައް ބާތިލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޝަރީއަތަށް ހުށަނާޅާ ބާތިލްކުރެވޭ މައްސަލަތައް ހުރިނަމަ އެ އެއްބަސްވުންތައް ބާތިލުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.