ހަންކެޑެ ޕްރޮޖެކްޓް "ސްކޭމް" އަކަށް ނަހަދައި ކުރިއަށް ގެންގޮސްދިނުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ގޮވާލައިފި އެވެ.
ނިޒާރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަކީ އައްޑޫގެ ތަރައްގީއަށް މިގަރުނުގައި ގެނެވޭނެ އެންމެ ބޮޑު އިގްތިސާދީ ހެޔޮ ބަދަލު ކަމަށާއި ހަންކެޑެ ޕްރޮޖެކްޓްއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހިކުމަތުން އައްޑޫގެ އިގްތިސާދު ބަދަލުކޮށްލަން ފެށި މުހިއްމު މަސައްކަތެއް ކަމަށެވެ.
މިވަގުތު ހަންކެޑެ ތެރެއިން މަސައްކަތްތަކެއް ކުރިއަށްދާހެން ހީވިޔަސް މިކަމުން އުފަލެއް އިހުސާސެއް ނުކުރެވޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ސަބަބަކީ އަދިވެސް މި ޕްރޮޖެކްޓަށް ލިބެންޖެހޭ ފައިސާ ހޯދިފައި ނުވާކަން. މަސައްކަތުގެ ތަފްސީލީ ކުރެހުންތަށް ނެތި ރަށުތެރެއިން ރުއްގަސް ކަނޑަމުން ދާކަން. ޗައިނާގެ ބޮޑު ކުންފުންޏަކުން ކުރަންޖެހޭ މަސައްކަތްތަކެއް، ބާވެފައިވާ ކުޑަ އިކިއުޕްމަންޓްތަކަކުން ގޮތް ނޭނގޭ ބަޔަކު ކުރަމުންދާކަން،" މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވަނީ އުއްމީދަކީ ހަންކެޑެ ޕްރޮޖެކްޓް "ސްކޭމް" އަކަށް ނަހަދައި، މި މަސައްކަތް ކުރިންވެސް ރޭވިފައިވާ ގޮތައް ކުރިއަށް ގެންގޮސްދިނުން ކަމަށް ވިދާޅުވި އެވެ.
ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންނެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ.
ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.