Last Updated: November 27, 09:34
Wednesday, November 27, 2024
މުނިފޫހިފިލުވުން

އަޖޭ އަށް "އިންޑިއާނާ ޖޯންސް" ސްޓައިލްގެ ފިލްމެއް

ހޮލީވުޑްގެ މަޝްހޫރު ތަރި ހެރިސަން ފޯޑްގެ މަގުބޫލު، އެކްޝަން އެޑްވެންޗާ ފްރެންޗައިޒް "އިންޑިއާނާ ޖޯންސް" ސްޓައިލްގެ ފިލްމަކަށް ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސްކޮށް، ޖަގަން ޝަކްތީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. ޖަގަން އަކީ އަކްޝޭ ކުމާރުގެ 2019 ގެ "މިޝަން މަންގަލް" ގެ ޑައިރެކްޓަރެވެ.

އޭނަގެ ފިލްމަކަށް އަޖޭ ތައްޔާރުވާ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ދުވަސްކޮޅެއްވެފައިވާ އިރު، މިކަމާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ޕްލޭން ކުރަމުންނެވެ. އެހެންވެ ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

އަޖޭ މިހާރު އަންނަނީ އޭނަގެ 2012 ގެ "ސަން އޮފް ސަރުދާރު" ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އަޖޭއާ އެކީ ޖަގަން ހަދަން ތައްޔާރީތައްވާ ފިލްމަކީ ބޮޑު ބަޖެޓަކުން، ގްރޭންޑްކޮށް ހަދާނެ ފިލްމެއް ކަމަށެވެ. އެގޮތުން "އިންޑިއާނާ ޖޯންސް" ގެ ފިލްމުތަކުގައި ހިމެނޭ ހުރިހާ ރަހަތަކެއް، ހިންދީ އޯޑިއަންސަށް ހެޔޮވަރުކޮށްގެން ވަރަށް ވެސް ޝައުގުވެރި، ހިތްގައިމު ފިލްމެއް ގެނެސްދޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އަޖޭ ކުރިން ވެސް ލަވް ޕްރޮޑިއުސްކުރި ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2019 ގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" އެވެ. އޭގެ ސީކްއެލް އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.