މިސަރުކާރުން ފެންނަނީ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ނުކޮށް ހަރަދު ކުޑަކުރުމަށް މަސައްކަތް ނުކުރެވޭތަން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މިއަދު ފެނިގެންދަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ހަރަދު ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވުމުގެ ނަތީޖާކަމަށެވެ.
އިލްޔާސް ވިދާޅުވީ ދައުލަތުގެ ދަރަންޏަށް އެޑްރެސްކޮށް ދަރަނި ރީސްޓްރަކްޗާކޮށް ނުވަތަ ރިފައިނޭންސް ކުރުމަށް މަސައްކަތް ކުރާތަންވެސް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި މައުލޫމާތު ނުދީ ހިފަހައްޓާ ކަމަށާއި އެގޮތުން ހަރަދު ކުރަނީ ކިހާވަރެއް ކޮންކަމަކަށްތޯ ފަދަ މައުލޫމާތުތައް ސާފުކޮށް ނުދަީ ހިފަހައްޓާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެއިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިދިޔަ ޖޫން މަހުން ފެށިގެން ސަރުކާރުގެ މާލީ އެއްވެސް ހިސާބެއް ފެންނަން ނެތްކަމަށެވެ. މިއީ ކަނޑައެޅިގެން ގާނޫނުން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް އަމްރު ވިދާޅުވީ އެކަން އެގޮތަށް ނުކުރާތީ ގައުމުގެ ހާލަތު ނޭންގޭ ކަމަށެވެ.
އަމްރު ވިދާޅުވީ ކަންކަމާ ހަވާޅުވެ ތިއްބަވާ ބޭފުޅުންނަށް މާލީ ހިސާބުތައް ނޭންގުމަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އަދި އެއީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.