މިސަރުކާރުންވެސް ފެނިގެންދަނީ ކުރީ ސަރުކާރާ އެއްގޮތަށް ހަރަދުތައް ބޮޑުވަމުންދާތަން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އެމްޑީޕީން 2018 ވަނަ ވެރިކަމަށް އައީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ނިންމައިގެން ކަމަށާއި އެހެންނަމަވެސް އެ ވެރިކަން ނިމުނުއިރުވެސް އެކަން ކޮށްފައި ނުވާކަމަށެވެ.
މިސަރުކާރުންވެސް ވެރިކަމަށް އައީ ދަރަނިތައް ރިފައިނޭންސް ކުރާނެ ކަމަށް ބުނެކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ މިސަރުކާރުންވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާތަން ނުފެންނަ ކަމަށެވެ. އަދި ދަރަނި ދެއްކުމަށް ރިފައިނޭންސް ކުރުމަކިީ ހައްލެއް ނޫންކަން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން އިލްޔާސް ވިދާޅުވީ މި ސަރުކާރުން ވެސް ކަންކަން ހައްލުކުރަން މަސައްކަތްކުރާތަން ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ މިދިޔަ ސަރުކާރުން ކުރި ގޮތަށް ޚަރަދު މައްޗަށް ޚަރަދު ބޮޑުވަމުން ދާތަން ކަމަށެވެ.
އިލްޔާސް ވިދާޅުވީ މިސަރުކާރުން މައުލޫމާތު ނުދީ ހިފަހައްޓާ ކަމަށާއި އެގޮތުން ހަރަދު ކުރަނީ ކިހާވަރެއް ކޮންކަމަކަށްތޯ ފަދަ މައުލޫމާތުތައް ސާފުކޮށް ނުދީ ހިފަހައްޓާ ކަމަށެވެ.