Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ޗައިނާ ޓޫރިސްޓުންގެ އަދަދު 200،000 އާ ގާތްކޮށްފި

މި އަހަރު ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ އަދަދު 200،000 އާ ގާތްކޮށްފި އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުން އިއްޔެގެ ނިޔަލަށް 194،161 ޓޫރިސްޓުން އައިސްފައިވެ އެވެ. ޗައިނާ އަކީ މިދިޔަ އަހަރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ދެވަނަ ގައުމު ކަމަށްވާ ރަޝިއާ އިން އިއްޔެގެ ނިޔަލަށް 144،076 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 115،786 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި ތިން ގައުމާ އެކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ ލިސްޓްގައި ދެން ހިމެނެނީ އިޓަލީ (99،513 ޓޫރިސްޓުން)، ޖަރުމަން (94،285 ޓޫރިސްޓުން)، އިންޑިއާ (79،833 ޓޫރިސްޓުން)، އެމެރިކާ (45،736 ޓޫރިސްޓުން)، ފްރާންސް (38،879 ޓޫރިސްޓުން)، ސްޕެއިން (28،397 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (25،546 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2 މިލިއަން ޓޫރިސްޓުންނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 1,335,395 ޓޫރިސްޓުންނެވެ. އަދ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 5,611 ޓޫރިސްޓުންނެވެ.